ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ކޮވިޑަށްފަހު ސަރުކާރުގެ ޚާރިޖީ ޚިދުމަތްތައް އަމާޒުކުރާނެ ދާއިރާތަކާއި މެދު މަޝްވަރާ ކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޯވިޑް-19 އަށްފަހު ސަރުކާރުގެ ޚާރިޖީ ދާއިރާގެ ޚިދުމަތްތައް ކުރިއަށް ގެންދިއުމުގައި އަމާޒުހިފާނެ ގޮތްތަކާއި މެދު މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާއި އެ މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައިވާ މައިގަނޑު ދެ އަސާސަކީ އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި ތިމާވެށި ހިމާޔަތްކުރުންކަން ފާހަގަކުރައްވައި، އެކަންކަމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ.

އަދި، ކޯވިޑް-19 އަށްފަހު ބޭރުގެ އެހީ ހޯދުމާއި ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ފުރުޞަތުތައް ފަހިކުރުމަށް ޚާރިޖިއްޔާގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މީގެ އިތުރުން، ދިވެހި ޚާރިޖީ ޚިދުމަތް ހަރުދަނާކޮށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ތަސައްވުރު ރަނގަޅުކުރުމަށް މިނިސްޓަރ ޢަބްދުﷲ ޝާހިދު ކޮށްދެއްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، މިނިސްޓަރަށާއި ޚާރިޖީ ވުޒާރާގައި މަސައްކަތް ކުރައްވާ އެންމެހައި މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓްރީން ވަނީ، ކޯވިޑް-19 އަށްފަހު ރާއްޖޭގެ އެކި ދާއިރާތަކަށް ކުރިމަތިވި ދަތިތަކުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިންގަވަމުން ގެންދަވާ ޑިޕްލޮމެޓިކް މިޝަންތަކުގެ ދައުރު ފުޅާކޮށް، މަސައްކަތްތަކުގެ އަމާޒުހިފިދާނެ ކަންތައްތަކާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މި ގޮތުން، ޚާރިޖީ ޚިދުމަތްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ރާއްޖެއަށް ބޭރުގެ އެހީ ހޯދުމާއި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމާއި، ވިޔަފާރި ކުރިއެރުވުމާއި، އިންވެސްޓްމަންޓުގެ ފުރުޞަތުތައް އިތުރު ކުރުމަށް އަމާޒުހިފައިގެން މަސައްކަތްތައް ކުރިއަށް ގެންދެވިދާނެ ގޮތްތައް އެ މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

ޚަބަރު: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ