ފްރާންސްގެ މޭޖާ ދެއެވޯޑާއިއެކު އެމްބާޕޭގެ ނަން ތާރީޚްގައި ލިޔެވިއްޖެއެވެ.
މިއަހަރުގެ ލީގު 1 ގެ އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑާއި ޒުވާން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އެމްބާޕޭއަށް ލިބުނީ އާދިއްތަ ދުވަހު ބޭއްވުނު ޔޫއެންއެފްޕީ އެވޯޑް ހަފްލާގައެވެ.
ވޭތުވެދިޔަ ތިން އަހަރުވެސް ޒުވާން އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ޕީއެސްޖީއަށް ކުޅެމުން އަންނަ އުމުރުން 20 އަހަރުގެ އެމްބާޕޭއެވެ. އެމްބާޕޭ ވެގެންދިޔައީ މިއެވޯޑު ޖެހިޖެހިގެން ތިން ފަހަރަށް ނެގި ފުރަތަ ކުޅުންތެރިއާއަށެވެ. ހަމައެއާއެކު ފްރާންސްގެ މިވަރުގަ ދެއެވޯޑު އެއް ސީޒަނެއްގައި ހޯދި ފުރަތަމަ ކުޅުންތެރިއަކީވެސް އެމްބާޕޭއެވެ.
މިދިޔަ ވޯލްޑްކަޕްގެ ޒުވާން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުވެސް ހޯދާފައިވަނީ އެމްބާޕޭއެވެ.
"ޓީމު އޮފް ދަ ސީޒަން" އިންވެސް އެބްބާޕޭއަށް ފުރުޞަތު ލިބިގެންދިޔައިރު މިޓީމުގެ އެމްބާޕޭއާއެކު ޕީއެސްޖީގެ ކުޅުންތެރިންނަށް ދެން ހިމެނެނީ މަރްކިންހޯސް، ސިލްވާ، ޑިމާރިއާ، ވެރާޓީ އަދި ނޭމާއެވެ.
ހޮނިހިރު ދުވަހު ޑިޖޮންއާއި ދެކޮޅަށް ކުޅުނު މެޗުގައި 2 ލަނޑުޖައި އެމްބާޕޭވަނީ މިސީޒަންގައި ޖެހ ލީގު ގޯލްގެ އަދަދު 32 އަރުވާފައެވެ. މިއީ އެމްބާޕޭގެ ފަހަތުގައި އޮތް ނިކޮލަސް ޕެޕޭ އަށްވުރެ 10 ލަނޑު ގިނަ އަދަދެކެވެ.
ޔޫރަޕިއަން ގޯލްޑަން ބޫޓަށް ވާދަކުރަމުން އަންނަ އެމްބާޕޭ، މިހާރު ތާވަލުގެ އެއްވަނާގައި އޮތް ބާސެލޯނާގެ ލިއޮނަލް މެސީއަށްވުރެ މަދީ އެންމެ 4 ލަނޑެވެ. ލީގުގައި އެމްބާޕޭއަށް އަދި ބާކީ އެއް މެޗު އެބައޮތެވެ.

އެމްބާޕޭގެ ލަނޑުތަކުގެ އެހީގައި ފަސޭހަކަމާއެކު ޕީއެސްޖީން ލީގު 1 ކާމިޔާބުކުރި ނަމަވެސް މިސީޒަންގައި ޕީއެސްޖީވަނީ ނާކާމިޔާބީއާއި ކުރިމަތިލާންޖެހިފައެވެ. 2013 އިން ފެށިގެން ކާމިޔާބުކުރަމުން އައި ފްރެންޗް ލީގު ކަޕުން ޕީއެސްޖީވަނީ ކަޓާފައެވެ. ހަމައެގޮތަށް 2014 އިން ފެށިގެން ކާމިޔާބުކުރަމުންއައި ފްރެންޗް ކަޕުންވެސް ޕީއެސްޖީވަބީ ކަޓާފައެވެ.
ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތްދަށުވެ ޕީއެސްޖީ ކެޓީ އެމުބާރާތުގެ ގަދަ 16 އިންނެވެ.
އިތުރު އެވޯޑުތަކަށް ބަލާލާއިރު ޤައުމުން ބޭރުގައި ކުޅޭ ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަރިމް ބެންޒެމާއެވެ. މިސީޒަންގައި ރެއަލްމެޑްރިޑަށް ކުޅުނު 52 މެޗުން 30 ލަނޑު ބެންޒެމާ ކާމިޔާބުކޮށްދީފައިވެއެވެ.
އެންމެ މޮޅު ކޯޗަކަށް ހޮވުނީ ލިލޭގެ ކޯޗު ކްރިސްޓޮފް ގަލްޓިއާއެވެ. ގަލްޓިއާގެ އިރުޝާދުގެ ދަށުން ލިލޭ ތާވަލުގެ ދެވަނަ ހޯދާ އަންނަ އަހަރުގެ ޗެމްޕިއަންސް ލީގަށްވަނީ ދަތުރުކޮށްފައެވެ.