ތ. ކިނބިދޫ އާއި ތ. ކަނޑޫދޫގައި ސިއްހީ މަރުކަޒެއް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިޢުލާންގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން ތ. ކިނބިދޫ އަދި ތ. ކަނޑޫދޫ ސިއްޚީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ،
މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިފައި ވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.
ބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓްރީގެ އިޢުލާންގައި ބުނެފައި ވެއެވެ،
މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިން ކަމަށާއި ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ދިވެހި ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.
މިމަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި އަދި މިބީލަންތަކާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް ވަނީ ބުނެފައެވެ.



