ރ. ފައިނުގައި އިމާރާތް ކުރަމުންދާ އާ އިންޖީނުގޭގެ %91 މަސައްކަތް ނިމިފައިވާކަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ވިދާޅުވެއްޖެއެވެ.
ފެނަކަ އިން ވިދާޅުވެފައި ވަނީ ފައިނުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން އިމާރާތް ކުރެވެމުންދާ އައު އިންޖީނުގެއާއި، އިންޖީނުގޭގެ އޮފީސް އިމާރާތުގެ %91 މަސައްކަތް މިހާރު ވަނީ ފުރިހަމަ ކުރެވިފައި ކަމަށެވެ.
ފެނަކަ އިން އަންނަނީ ގިނަ ރައްތަކެއްގައި އާ އިންޖީނުގެތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ހއ. އުލިގަމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުއެއްވެސް ފެނަކައިން ދަނީ ކުރިޔަށް ހެންދަމުންނެވެ. 13 ނޮވެންބަރު 2019 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ %65 މިހާރު ވަނީ ނިމިފައެވެ.
ފެނަކައިން ވިދާޅުވެފައި ވަނީ މިމަޝްރޫޢުގެ ސަބަބުން ރަށުގެ ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅުވެ، ރަށުމެދުގައި އިންޖީނުގެ ހުރުމުގެ ސަބަބުން ރައްޔިތުން ތަޙައްމަލު ކުރަމުންއަންނަ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށެވެ.
މީގެ އިތުރުން ށ. މިލަންދޫގައި އަލަށް އިމާރާތް ކުރެވޭ 3 ފަންގިފިލާގެ ފެނަކަ އޮފީހުގެެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށް ދާކަމުގައި ފެނަކައިން ވަނީ ވިދާޅުވެފައެވެ. އެގޮތުން 23 ފެބްރުއަރީ 2020 ގައި ސޮއިކުރެވިފައިވާ މި މަޝްރޫޢުގެ %38 މަސައްކަތް މިހާރު ވަނީ ފުރިހަމަ ކުރެވިފައެވެ.