މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަަލަށް ދަނޑުވެރިކަމުގެ ބޭނުމަށް ތަކެތިން 1.73 މިލިއަން ރުފިޔާގެ ޑިއުޓީ މާފުކޮށްދެއްވާފައިވާ ކަމުގައި މޯލްޑިވްސް ކަސްޓަމްސް އިން ވިދާޅުވެއްޖެއެވެ.
މިއަދަކީ މިއަހަރުގެ ދަނޑުވެރިކަމުގެ ދުވަހަށް ވާއިރު، މޯލްޑިވްސް ކަސްޓަމްސް އިން މިއަދު ވިދާޅުވެފައި ވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ދަނޑުވެރިކަމުގެ ބޭނުމަށް ތަކެތި އިމްޕޯޓްކުރާ ފަރާތްތަކުގެ ގޮތުގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ސިސޯސަން އެންޑް އެގްރީކަލްޗަރ ގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1.73 މިލިއަން ރުފިޔާގެ ޑިއުޓީ މާފުކޮށްދެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ދަނޑުވެރިކަމުގެ ބޭނުމަށް އެތެރެކުރާ ގިނަ ބާވަތްތަކުގެ ޑިއުޓީ ރޭޓްއަކީ %0 ކަމުގައި ކަސްޓަމްސް އިން ވަނީ ވިދާޅުވެފައެވެ.
މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަަލަށް ދަނޑުވެރިކަމުގެ ބޭނުމަށް ތަކެތި އިމްޕޯޓްކުރާ ފަރާތްތަކުގެ ގޮތުގައި @MoFMRAmvގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1.73 މިލިއަން ރުފިޔާގެ ޑިއުޓީ މާފުކޮށްދެވިފައިވޭ!
ދަނޑުވެރިކަމުގެ ބޭނުމަށް އެތެރެކުރާ ގިނަ ބާވަތްތަކުގެ ޑިއުޓީ ރޭޓްއަކީ %0. pic.twitter.com/XH00zRt8j9— Maldives Customs (@CustomsMv) October 15, 2020
މިއަހަރުގެ ދަނޑުވެރިކަމުގެ ދުވަހާއި ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދަނޑުވެރިކަމަށް ދޫކުރާ ބިންތަކުން ކުރިޔަށް އޮތް 3 އަހަރު ކުލި ނުނެގުމަށް ނިންމާފައެވެ. އަދި ދަނޑުވެރިކަން ފުޅާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން، އިތުރު 6 ފަޅުރަށެއް ކުއްޔަށް ދޫކުރުމަށް، މިދިޔަ ހަފުތާގައި ވަނީ އިޢުލާނުވެސް ކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވަނީ ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން، މީގެ ކުރިން ނަގަމުން އައި އިމްޕޯރޓް ޑިއުޓީ ސަރުކާރުގެ ވަޢުދާ އެއްގޮތަށް، ކަނޑާލާފައިވާކަމަށާއި އަދި މިދިޔަ އަހަރުން ފެށިގެން، އެސް.ޑީ.އެފް.ސީ މެދުވެރިކޮށް، ދަނޑުވެރިކަމަށް ސަރުކާރުން ލޯނު ދޫކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި، ރާއްޖޭގެ އުތުރުގެ 3 އަތޮޅު ޝާމިލުވާ ގޮތަށް، ދަނޑުވެރިކަން ފުޅާކުރުމުގެ މަޝްރޫއެއްގައި މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވަނީ ސޮއިކޮށްފައެވެ. މިއީ، ދަނޑުވެރިކަމުގެ ޒަމާނީ ޓެކްނޮލޮޖީއަށް ދިވެހި ދަނޑުވެރިން އަހުލުވެރިކުރުވައި، ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކައި މާކެޓް ކުރުމަށާއި، ދަނޑުވެރިންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެ ފުރިހަމަ ނިޒާމެއް ޤާއިމުވެގެންދާނެ މަޝްރޫޢަކަށް ވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ކޮވިޑް-19 އައި ގުޅިގެން ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށް އަދި ކާބޯތަކެތީގެ ޔަގީންކަން ހޯދުމުގެ ގޮތުން ގިނަ ރައްތަކެއްގައި ވަނީ ދަނޑުވެރިކަން ކުރަން ފަށާފައެވެ. އެގޮތުން ގިނަ ރަށްތަކަކުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކޮށްފައިވާއިރު، ރަށްރަށުގެ އެކި ސަރަހައްދުތަކުގައިވެސް ދަނީ ތަފާތު އެކިކަހަލަ ކާނާ ލިބޭ ގަސްތައް އިންދަމުންނެވެ.