ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު | ފޮޓޯ : މިހާރު

އަލީ ވަހީދުގެ ޝަރީއަތަށް އާންމުންނާއި މީޑީއާތަކަށް ނުވަދެވޭނެ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފެށިނަމަވެސް، ޝަރީއަތް ކުރިއަށްދާވަގުތު އަޑުއެހުމަށް އާންމުންނާއި އަދި މީޑިއާތަކަށް ނުވަދެވޭނެކަމަށް އެ ކޯޓުން ވިދާޅުވެއްޖެއެވެ.

މީޑިއާއަށް މައުލޫމާތު ދެމުން އެ ކޯޓުން ބުނެފައިވަނީ، ޝަރީއަތުގެ އަޑުއެހުމަށް މީހުން ވެއްދުމުގެ ފުރުސަތު ނެތް ނަމަވެސް، އަޑުއެހުމުގައި ކަން ހިނގާ ގޮތް މީޑިއާއާ ހިއްސާ ކުރާނެ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނީ މިއަދު މެންދުރު 1:30 އަށެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައާ ގުޅިގެން އުފުލާފައިވާ ދައުވާތަކުގައި އަލީ ވަހީދުގެ މައްޗަށް ޖުމްލަ 7 ދައުވާއެއް އުފުލާފައިވެއެވެ.

އަލީ ވަހީދަށް ކޮށްފައިވާ ދައުވާތަކަކީ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއާއި، އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.

އަލީ ވަހީދުގެ މައްޗަށް މި ދައުވާތައް އުފުލާފައިވަނީ،  ޓުއަރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށް އެ ޝަކުވާ ރައީސް އޮފީހަށާއި، ޖެންޑާ މިނިސްޓްރީއަށް ހުށައެޅުމާއެކުއެވެ.

މި ކަމާއި ގުޅިގެން ރައީސް ސާލިހް  ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދިނުމަށް އަންގަވާފައެވެ. ނަމަވެސް އިސްތިއުފާ ނުދެއްވުމުން ރައީސް ސާލިހް ވަނީ އޭނާ މަގާމުން ވަކިކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ