ކޮވިޑް-19 އާއި ގުޅިގެން ސިވިލް ސަރވިސް މުވައްޒަފުންނަށް ދިނުން ހުއްޓާލި ސެޓްފިކެޓް އެލަވަން އަލުން ދޭން ފަށައިފިކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ކޮވިޑްގެ ހާލަތާއި ގުޅިގެން ދައުލަތުގެ ހަރަދުކުޑަ ކުރުމަށް އެޅި ފިޔަވަޅުގެ ތެރެއިން 2020 ވަނަ އަހަރުން ފެށިގެން ސަރުކާރު މުވައްޒަފުންނަށް ވަގުތީ ގޮތުން ދިނުން ހުއްޓާލި ސެޓްފިކެޓް އެލެވެންސް އާއި ޕާފޮމެންސް އެލެވެންސް އާއި ގުޅިގެން މަޖިލޫހުގެ ވެލިދޫ ދާއިރާގެ ެމްނަބަރު މުހައްމަދު އަބްދުލް ޝަފީޤް ވަނީ މި މަހުގެ 7 ވަނަ ދުވަހު ފިނޭންސް މިނިސްޓަރަށް ސުވާލުކުރައްވައިފައެވެ.
މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރ މި ސުވާލަށް ދެއްވި ޖަވާބުގެ ސިޓީ އިއްވައިފައިވެއެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، މުވައްޒަފުންގެ ޕްރޮމޯޝަންއަކީ ކޮވިޑް-19 އާއެކު ހަރަދުކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅުގެ ތެރެއިން ވަގުތީގޮތުން މުވައްޒަފުންނަށް ދިނުން ހުއްޓާލައިފައިވާ އެލެވެންސްއެކެވެ. އެހެން ދާއިރާ ތެކެކޭ އެއްގޮތަށް ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ސެޓްފިކެޓް އެލެވެންސް އާއި ޕާފޮމެންސް އެލެވެންސް ވަގުތީ ގޮތުން ދިނުން ހުއްޓާލިކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ، ގިނަ މުވައްޒަފުންތަކަކާއި އިދާރާތަކެއްގެ އެދުމުގެ މަތިން ސެޓްފިކެޓް އެލެވެންސް މިހާރު ވަނީ އަލުން ދޭން ފަށައިފައި ކަމަށެ ވިދާޅުވިއެވެ.
ނަމަވެސް ޕާފޯމެންސް އެލެވެންސް އަލުްނ ދޭން ފަށައިފައިނުވާއިރު، މި އެލެވެންސް އަލުން ދޭން ފަށަން އެންމެ އެކަށީގެންވަނީ ދައުލަތުގެ އާމްދަނީއަށް ލިބުނު ގެއްލުމުން އަރައިގަނެ، ދައުލަތުގެ ފިސިކަލް ޑެފެސިޓް ރުޖޫއަވަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އަމީރު ފޮނުއްވި ސިޓީގައި ވިދާޅުވީ، ދައުލަތުގެ އާމްދަނީ ކޮވިޑްގެ ކުރިން ހުރި މިންވަރަށް އަންދާޒާ ކުރެވެނީ 2023 ގައި ކަމުން، އެ އަހަރާއި ހަމައަށް މިހާރު އަޅައިފައިވާ ގިނަ ފިޔަވަޅުތައް ދަމަހައްޓައިގެން މެނުވީ ދައުލަތުގެ ކޭޝް ފްލޯ އަދި ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ދަތިވާނެތީ ފިސިކަލް ސްޓްރެޓްޖީގެ ހިސާބުތައް ދެމެހެއްޓުމުގައި ހަރަދު ކުޑަރުމަށް އަޅައިފައިވާ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށެވެ.
ކޮވިޑް އާއި ގުޅިގެން ދިނުން މެދުކަނޑާލި އެލެވެންސްތައް އަލުން ދޭން ފަށާއިރު، އެލެވެންސް ނުލިބި ދިޔަ ދުވަސްތައް ނުހިމަނާނެކަމަށްވެސް ފިނޭންސް މިނިސްޓަރ ފޮނުވި ސިޓީގައި ވިދާޅުވެފައިވެއެވެ. އެގޮތުން ކޮވިޑް އާއި ގުޅިގެން ގެއްލިގެން ދިޔަ އާމްދަނީއަކީ މުސްތަޤުބަލުގައިވެސް ދައުލަތަށް ލިބޭނެ އާމްދަނީއެއް ނޫންކަމުން، ހުއްޓާލެވުނު އެލެވެންސް އަލުން ދޭން ފަށާއިރު، އެލެވެންސް ނުލިބި ދިޔަ ދުވަސްތައް ހިމަނަން ނުފެންނަ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގައި، އިޤްތިސާދަށް ލިބުނު ގެއްލުމާއެކުވެސް ދައުލަތުގެ މުވައްޒަފުންގެ މުސާރަ އުނިނުކޮށް، އަދި މުވައްޒަފުން ވަޒީފާއިން ވަކިނުކޮށް ދައުލަތުގެ ހަރަދުތައް މެނޭޖްކުރެވުމަކީ ދިވެހި ރާއްޖޭގެ އިޤްތިސާދީގެ ތިންބައިކުޅަ އެއްބައި ފުހެވިގެންދިޔަ އަހަރެއްގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ހިޔާލު
އަދިވެސް ސެޓްފިކެޓް އެލަވަންސް ހަމަ ނުޖެހޭ!