"އަޙްމަދު! މިއީ އަހަރެން ބުނި މީހަކީ. މިއީ ރާޝިދު." ބުޝްރީ އޭނާއާއެކު އައި މީހާ އަޙްމަދަށް ތަޢާރަފްކޮށްދިނެވެ.
"އެއީތަ އެ ކުއްޖަކީ؟" ގޭތެރޭގެ އެކި ތަންތަނަށް ނަޒަރު ހިންގާލާފައި ސާރާ ދިޔަ ދިމާއަށް ބަލާލަމުން ރާޝިދު ސުވާލުކޮށްލިއެވެ.
އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އަޙްމަދު ބޯ ޖަހާލިއެވެ.
ކިޔެވުން ކުރިއަށް ގެންދިއުމަށްޓަކައި އަޙްމަދު، ރާޝިދު އަދި ބުޝްރީ ދިޔައީ ސާރާގެ ކޮޓަރިއަށެވެ.
"ކޮއްކޮ އެއްވެސް އެއްޗެއް ނުފޮރުވާ ބޭބެއަށް ތިޔަ ވާ ހުރިހާ ގޮތެއް ކިޔައިދީބަލަ." ރާޝިދު ސާރާ ކައިރިން އެދުނެވެ. އެވަގުތު ކަންބޮޑުވެފައި ސާރާއަށް ބަލައިލެވުނީ އަޙްމަދުގެ މޫނަށެވެ.
" ޑޮކްޓަރުންނަށްވެސް ދަރިފުޅަށް ތިޔަ ވާގޮތް ނޭންގޭތީ ބައްޕަ ބޭނުންވަނީ ސިހުރުގެ ކަމެއް ހުރިތޯ ބަލާލަން. ދަރިފުޅު އެއްވެސް ކަމަކާ ޖެހިލުންވާނެކަމެއް ނެތް. އިރާދަކުރެއްވިއްޔާ ބައްޕަ އަބަދުވެސް ހުންނާނަން ދަރިފުޅު ކައިރީގަ. ބައްޕަވެސް އަދި ބޭބެމެންވެސް ބޭނުންވޭ ދަރިފުޅު ރަނގަޅުވާން." ސާރާގެ ކަންބޮޑުވުން ފިލުވާލުމަށްޓަކައި އަޙްމަދު ގޮސް ސާރާއާ ޖެހިގެން އެނދުގެ މަގަތުގައި އިށީނދެލިއެވެ.
ސާރާވެސް ރަނގަޅުވާން ބޭނުންވެއެވެ. އެހެންކަމުން ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު އިސްދަށަށް ޖަހައިގެން އިނދެ ހުރިހާކަމެއް ފެށުނު ހިސާބުން ކިޔައިދޭން ފެށިއެވެ. ފުރަތަމަ، ތަކުރާރުކޮށް ފެނުނު ހަރުފަ ހުވަފެންތަކުގެ ވާހަކައެވެ. އޭގެ ފަހުން އުސް އިމާރާތަކުން ވެއްޓޭތީ ފެނުނު ހުވަފެނާއި، ހޭލެވުނު އިރު ފެނުނު ހިޔަނީގެ ވާހަކައެވެ. އަދި އެވަގުތު ހަށިގަނޑު ގުޑުވާނުލެވިގެން އުޅުނުގޮތުގެ ތަފްޞީލެވެ. އެއަށްފަހު ގައިގެ އެކި ހިސާބުތަކުން ފެންނަންފެށި ވަކިތަކުގެ ނިޝާންތަކުގެ ވާހަކައެވެ. ދެން، މަތިން ވެއްޓޭތީ ފެނުނު، ފައިތައްލީ އަނދިރިގަނޑުގެ ވާހަކައެވެ.
"ތިޔަ ހުރިހާ ކަމަކަށް ބަލާއިރު ސިހުރުގެ ޢަލާމާތްތައް ފެންނަން އެބަހުރި. ޔަޤީންކޮށްލަން އަހަރެން ބޭނުން ކިޔަވާލަން." ސާރާގެ ވާހަކަތައް ކަނުލާ އަޑުއަހަން އިނުމަށްފަހު ރާޝިދު އަޙްމަދާ މުޚާޠިބުކޮށް ބުނެލިއެވެ.
ކިޔަވަމުން ދިޔަ އިރު ސާރާއަށް ވަމުންދިޔަ އުނދަގޫތައް ރާޝިދު ދިޔައީ ވަރަށް ރަނގަޅަށް ބަލަމުންނެވެ. ބައިގަޑިއިރެއްހާއިރު ކިޔެވުމަށްފަހު އިތުރު ސުވާލުތައް ސާރާއާ ކުރިއެވެ. އަދި އެއަށްފަހު އެރެއަށް ނިމުނީކަމުގައި ބުނެ ތިން ފިރިހެނުން ކޮޓަރިން ނުކުތެވެ.
"އެމަންޖެއަށް އެހުރީ ކޮންމެވެސް މީހަކު ސިހުރު ހަދާފަ. ސިހުރު ކެވިފަ ހުރިކަމަށްވެސް ވަރަށް ބޮޑަށް ލަފާކުރެވޭ. އަހަރެން މާދަންރޭ އަންނައިރު ކިޔަވާފައި ހުރި ފެންފުޅިއެއް ގެންނާނަން. އަހަރެން ބުނާ ކަންތައްތައް ޤަވާއިދުން އެމަންޖެ ލައްވާ ކުރުވުން ވަރަށް މުހިންމު. މިކަމަކީ ވަރަށް ކެތްތެރިވެގެން ކުރެވޭނެ ކަމެއް. އަހަރެމެން މިކަމަށް ފަރުވާ ކުރަން ފެށުމުން އެކަން އެ ކުރި ބަޔަކަށް އެނގޭނެ. އެހެންކަމުން ސިހުރު އިތުރަށް ވަރުގަދަކުރަންވެސް އުޅެފާނެ. ސިހުރަކީ ޖިންނީންގެ އެހީއާއެކު ކުރާކަމެއް. ހިޔަނި ފެނުމާ، ފާޑުފާޑު އެއްޗެހި އެ ފެންނަނީ އޭގެ ސަބަބުން. އަހަރެން މާދަންރޭ މިކަން ފަށާނަން. އެކަން ކުރި މީހާ ބެލުމަކީ ދީނުގައި ހުއްދަކަމެއް ނޫން. ކޮންމެ ގޮތެއް ވިޔަސް ސިހުރު ބާޠިލްކޮށްގެން މެނުވީ މިކަމުން އެއްކޮށް މިންޖެއް ނުވެވޭނެ. ސިހުރެއް ވަޅުލާފައި އޮތްނަމަ އޮތީ ކޮންތާކުތޯއާ، އެމަންޖެއަށް ކޮށްފައި ހުރީ ކޮންކޮން ކަމެއްތޯ ޖިންނީންގެ އެހީގައި ބެލޭނެ. އެކަމަށް ނަގާނެ ވަގުތެއް އަހަންނަށް ބުނާކަށް ނޭންގެ. އަހަރެއްވެސް ނަގައިފާނެ. އެހެންވީމަ ޢާއިލާ އެންމެންވެސް ވަރަށް ކެތްތެރިވާންވާނެ. މިކަންކުރާއިރު ގޭތެރެއިން އަޑުއަޑު އިވުމާއި، އެއްޗެހި ފެނުންވެސް އެކަށީގެންވޭ. އެމަންޖެއަށްވެސް އިތުރު ގޯނާކޮށްފާނެ. އެކަމަކު ހަށިރައްކަލަކަށް ކުރެވޭނެ ކަންކަން އަހަރެން ބުނެދޭނަން. ﷲ ގެ އިރާދަފުޅުން ހުރިހާކަމެއްވެސް ރަނގަޅުވާނެ." ފެނުނު ކަންތައްތަކަށް ބެލުމަށްފަހު ރާޝިދު އަޙްމަދަށް ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އޮޅުންފިލުވައިދިނެވެ. އަދި ކޮންމެ ރެއަކު ސާރާ ލައްވާ ބަޤަރާ ސޫރަތް ކިޔެވުމަށް ނުވަތަ އަޑުއިވޭ ވަރަށް އެ ސޫރަތް ޖެހުމަށާއި، ފަރުޟު ފަސް ނަމާދަށް ފަރުވާތެރިވުމުގެ އިތުރުން ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސާރާއަށް ނަސޭހަތްތެރިވުމަށް ރާޝިދު އެދުނެވެ.
އެރޭ ހުރިހާ ކުދިން ކާގަޑީގައި ޖަމާވުމުން ރާޝިދު ދެއްކި ވާހަކަތައް އަޙްމަދު ވަރަށް ތަފްޞީލުކޮށް އެކުދިންނަށް ކިޔައިދިނެވެ. އަދި ދީނީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެންމެންގެ ކިބައިން އެދުނެވެ. އެކަމާ އެންމެ ބިރުން އުޅުނީ ޝައިނާއެވެ. ގެއިން އެއްޗެހި ފެނުމާއި، އަޑުއަޑު އިވިދާނެތީ ދުވަސްކޮޅަކަށް އޭނާގެ މަންމަމެންގެއަށް ބަދަލުކޮށްދިނުމަށް ޝައިނާ އިބްރާހީމްގެ ކިބައިން އެދުނެވެ. ސާރާ އެކަނި ނިދަން ބާއްވަން ބޭނުން ނުވާތީ ރާބިޢާ ނޫނީ ރައިމާ ސާރާގެ ކައިރީ ނިދަން އޮވެދިނުމަށް އަޙްމަދު ރާބިޢާ ގާތުން އެދުނެވެ. އެހެންކަމުން އެކަމަށް ޙައްލެއް އަންނަންދެން ރައިމާ ވަގުތީގޮތުން އެގެއަށް ބަދަލުކުރުމަށް ރާބިޢާ ނިންމިއެވެ.
ޖެހިގެން އައިރޭ ކިޔެވުމުގެ ކަންތައް ފެށުނެވެ. ކިޔަވާގަޑީގައި އަޙްމަދު، އިބްރާހީމް އަދި ޔޫސުފް ސާރާގެ ކައިރީގައި ތިބެއެވެ. ބައެއް ރޭރޭ ސާރާ ތެޅޭ ވަރުން ތިން ފިރިހެނުންނަށްވެސް ހިފަހައްޓާލުން އުނދަގޫކަމަކަށް ވެއެވެ. ބައެއް ފަހަރު ޖިންނި ސާރާގެ ގަޔަށް ވަދެ ވާހަކަ ދައްކައެވެ. ރުޤްޔާކުރުން ހުއްޓާނުލައިފިނަމަ އިތުރަށް ގޯނާކުރާނެކަމަށް އިންޒާރު ދެއެވެ. ނަމަވެސް ރާޝިދު އެއަށްވުރެ ސާބިތުކަމާއެކު އޭނާގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ޖިންނިއަށް ނަސޭހަތްދީ އިޞްލާޙުވުމަށް އެދެމެންދިޔައެވެ. ސާރާއަށް ވަމުންދާގޮތް ބަލަން އަޙްމަދަށް ކެތްވަނީ ވަރަށް ހިތްވަރުންނެވެ. ނަމަވެސް ދަރިފުޅު އެކަމުން ސަލާމަތްކުރަން ބޭނުންވާތީ އޭނާ ދިޔައީ ކެތްކުރަމުންނެވެ. ބައެއް ފަހަރު އިބްރާހީމާއި ޔޫސުފްގެ ލޮލުންވެސް ކަރުނައިގެ އަސަރު ފާޅުވެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ސާރާއަކީ އެޢާއިލާގެ ރޫޙެވެ.
ކިޔަވަންފެށިތާ މަހެއްވަރު ވީއިރު ޖިންނީގެ ބާރު ކުޑަވަމުންދާކަމުގައި ރާޝިދު ދިޔައީ ބުނަމުންނެވެ. އޭގެ ތެރެއިން ރެއެކެވެ. އާދައިގެ މަތިން ޖިންނި ގެނައުމަށްޓަކައި ރާޝިދު ޤުރުއާނުގެ މޫރިތި އާޔަތްތައް ކިޔަވަމުން ދިޔައެވެ. ކުއްލިއަކަށް ސާރާ ވަރަށް ގަދައަށް ތެޅިފޮޅެން ފެށިއެވެ. އަދި ވަރަށް ބާރަށް ހަޅޭލަވަން ފެށިއެވެ.
" ރާބިޢާ ގެނޭ! ރާބިޢާ ގެނޭ!" ތަކުރާރުކޮށް ސާރާ އެހެން ގޮވަން ފެށުމުން ޔޫސުފް ދުވެފައި ނުކުމެ ބަދިގެ ފަރާތުގައި އުޅުނު ރާބިޢާ ގޮވައިގެން އައެވެ. އޭރު އެތާ ތިބި އެންމެންވެސް ތިބީ މިވާންއުޅޭ ގޮތެއް ނޭންގޭތީ ސުވާލު އުފެދިފައެވެ. ރާބިޢާވެސް ހުރީ ހާސްވެގެން ނިތްކުރިމަތިން އޮށްދާހިއްލާފައެވެ.
"ކީއްކުރަން ރާބިޢާ ތި ގެނައީ؟" ރާޝިދު ސާރާގެ ގައިގެ ތެރޭގައި އުޅޭ ޖިންނިއާ ސުވާލުކޮށްލިއެވެ.
"އޭނާއަށް އެނގޭނެ ކީއްވެގެންކަން. އަހަންނާ ސުވާލުނުކޮށް އޭނަ ކައިރީ އަހާބަލަ އޭނަ ކުޑަހުއްތުބޭލައްވާ ސާރާއަށް ކީއްތޯކުރީ؟ އަދި ސަބަބަކީ ކޮބައިތޯ؟ އޭނަ ކައިރީ ބުނޭ އޭނަ ފުރަތަމަ އިޞްލާޙުވާށޭ!" ލިބުނު ޖަވާބުން އެވަގުތު އެތާ ތިބި އެންމެންގެ ނަޒަރު ރާބިޢާއަށް އަމާޒުވިއެވެ.
އިތުރަށް ދޮގު ހަދައިގެން، ނޫނީ ސިއްރުކޮށްގެން ސަލާމަތްވާން ނެތްކަން އެނގުމުން ރާބިޢާ އިސްދަށަށް ޖަހާލިއެވެ.
"ކުޑަމަންމަތަ؟ އެކަމަކު ކީއްވެ؟" ޤަބޫލުކުރަން ދަތިވެފައިހުރެ ޔޫސުފް ރާބިޢާއާ ސުވާލުކޮށްލިއެވެ.
"އަހަންނަށް މަޢާފުކުރޭ! އަހަންނަށް އެނގޭ މިއީ މަޢާފު ޙައްޤުވާވަރުގެ ކަމެއް ނޫންކަން. އެކަމަކު ޙަސަދަވެރިކަން އަހަރެންގެ ހިތަށް ވަދެ، ދުނިޔޭގެ އެދުންވެރިކަން މާބޮޑަށް ބޭނުންވިވަރުން އަހަރެންގެ ނިޔަތް ގޯސްވީ. އެހެންވެ ސާރާގެ ކާއެއްޗިއްސަށް ސިހުރު ހަދާފައި ކާންދިނީ...... އަހަންނަށް އެނގޭ ރައިމާ ދެކެވެސް އަޙްމަދު އަމިއްލަ ދަރިއެއް ފަދައިން ލޯބިވާކަން. އެހެންވެ އަހަރެން ބޭނުންވީ ސާރާގެ ދުވަސް ދުއްވާލަން. އޭރުން އިތުރު އަންހެން ކުއްޖެއް ނެތުމުން އަޙްމަދު ސާރާގެ ހަނދާނުގައި ރައިމާ މިގެއަށް ގެންނާނެކަން އަހަންނަށް އެނގޭ. އެހެންވެ އަހަރެން ބޭނުންވީ ކުޑައިރުއްސުރެ ރައިމާއަށް އުނިވެފައިވާ ބައްޕައެއްގެ ލޯބި އެންމެ ފުރިހަމައަށް ހޯދައިދޭން. އަހަންނަށް އެނގޭ ސާރާ ދުނިޔޭގައި ހުރިހާ ހިނދަކު އެކަން ނުވާނެކަން." ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެމުން ރާބިޢާ އޮޅުންފިލުވައިދިނެވެ.
"އަހަރެން ދުވަހަކުވެސް އެ ދެކުދިން ތަފާތުކޮށްފައެއް ނޯންނާނެ. އަދި އަހަރެންގެ މިތިބަ ދެ ފިރިހެން ދަރިންނަށްވެސް އަހަރެން ބުނެދީފަ އޮންނާނީ ރައިމާވެސް އެއީ އެކުދިންގެ އެއްބަނޑު އެއްބަފާ ކުއްޖެއްކަމަށް ދެކޭށޭ. ސާރާވެސް ރައިމާއާމެދު ދެކެނީ އޭނާގެ އަމިއްލަ ދައްތައެއްގެ ގޮތުގައި. ރާބިޢާއަށް ހަމަ ރަނގަޅަށް އެކަން އެނގޭނެ. އެންމެ ފަހަރަކުވެސް ރާބިޢާ ބޭނުންވާ ކަމެއް އަހަރެން ގާތުގައި ބުނެލިނަމަ...." އިތުރަށް ވާހަކަ ކުރިއަށް ނުގެންދެވިގެން އަޙްމަދު ހުއްޓާލިއެވެ.
ރާބިޢާ ކުރިކަންތައްތަކަކީ ކިތަންމެ ނުބައި ޢަމަލެއްކަމުގައިވީނަމަވެސް އަޙްމަދުގެ ތިން ދަރިން އެހާ ބަސްއަހާ، އަދި ރަނގަޅު އަޚްލާޤެއްގެވެރި ބަޔަކަށްވުމުގައި ރާބިޢާގެ ދައުރު ބޮޑުކަމުން އަޙްމަދު ރާބިޢާއަށް މަޢާފު ކުރިއެވެ. ނަމަވެސް ރާބިޢާ ދެން އެގޭގައި އުޅުމުގެ ހުއްދައެއް ނުދިނެވެ. އެކަމާ އެންމެ ދެރަވީ ސާރާއެވެ. އެއީ ރާބިޢާއަކީ އޭނާގެ މަންމަގެ މަޤާމުގައި ހުރި މީހާއެވެ. އޭނާއަށް މިހާތަނަށް ދަސްވި ގިނަ ކަންކަމަކީ ރާބިޢާ އޭނާއަށް ދަސްކޮށްދިން ކަންކަމެވެ.
ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ރައިމާ ރާބިޢާދެކެ ވަރަށް ރުޅިއައެވެ. ނަމަވެސް އެއީ އޭނާގެ މަންމައެވެ. މަންމައަށް އަޅާލަން މިދުނިޔެމަތީގައި ހުރި ހަމައެކަނި މީހަކީ އޭނާއެވެ. އެހެންކަމުން ކިތަންމެ ހިތްހަމަ ނުޖެހުނު ނަމަވެސް ރާބިޢާ އާދޭސްކުރުމުން އޭނާ މަޢާފު ކުރިއެވެ. އޭނާ މީހަކަށް ހަދައިދިނުމަށް މަންމަކޮށްދީފައިވާ ކަންކަމުގެ ޙައްޤުގައެވެ. އަދި ތައުބާވުމަށް މަންމައަށް ފުރުޞަތު ދިނުމުގެ މަޤުސަދުގައެވެ.
ރުޤްޔާކުރަންފެށިތާ ތިންމަސްވީއިރު ސާރާގެ ޙާލަތު ވަރަށް ބޮޑުތަން ރަނގަޅުވިއެވެ. ޝައިނާއަށްވެސް ހުރިހާ ކަމެއް ހިނގާދިޔަގޮތް އެނގުމުން، ކުރިން އޭނާއަށް ސާރާއާމެދު ކަންތައްކުރެވުނުގޮތާމެދު ދެރަވެ މަޢާފަށް އެދުނެވެ. އަދި ޢާއިލާތެރޭގެ ހަމަޖެހުމާއި އުފަލަށްޓަކައި އޭނާގެ އުޅުން އިޞްލާޙުކޮށް، ރަނގަޅަށް އުޅުމަށް ޢަޒުމްކަނޑައެޅިއެވެ. އިންސާނުންގެ ސިފައިގައިވެސް ވިހަގަދަ ހަރުފަ އުޅެއެވެ. ހަރުފަ ވިހަލާނީ ކޮންވަގުތަކު، ކިހިނެއްކަމެއް އެކަކަށްވެސް ނޭންގޭނެއެވެ. އެއީ ތިމާގެ ޢާއިލާ މީހެއް، ނޫނީ ގާތް ރަޙުމަތްތެރިއަކަށްވެސް ވެދާނެއެވެ. ކަމެއް ވުމުގެ ކުރިން އެކަމަށް ރައްކާތެރިވެ ތިބުން އެއީ އޮތް އެންމެ ބުއްދިވެރި ގޮތެވެ. އަމިއްލަ ރައްކަލަށްޓަކައި އިސްލާމް ދީނުގައި އަންގަވާފައިވާ ކަންކަން ކުރުމަށް އަބަދުވެސް ސަމާލުކަން ދިނުން މުހިންމެވެ. ކަމެއްވާނީ ބުނެފައެއް ނޫނެވެ. ނަމަވެސް ރައްކާވެ ތިބީއްޔާ ދަތުރެވެ.
(ނިމުނީ)
ހިޔާލު
Varah reethi, waiting for next part