ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އެތައް ބަޔަކު ބޭނުންކުރަމުން އަންނަ، އަދި އެތައް ބައެއްގެ ފާޑުކިޔުންވެސް އަމާޒުވެފައިވާ "ޓިކްޓޮކް" އެޕްލިކޭޝަނުގެ ސަބަބުން، އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބުނެފިއެވެ.
އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގައި ތިބި ސަރުކާރާ އެއްކޮޅު އަދި ސަރުކާރާ ދެކޮޅު މެންބަރުންވެސް މި މޭރުމުން ވާހަކަ ދައްކާފައިވާއިރު، ޓިކްޓޮކުގެ ސަބަބުން ޤައުމުގެ ސަލާމަތަށްވެދާނެ ނުރައްކާ އަންދާޒާކޮށް، ވަޒަން ކުރުމަށް އިންޓެލިޖެންސް އިދާރާތަކަށްވެސް މެންބަރުންވަނީ ގޮވާލާފައެވެ.
މެންބަރުން ފާހަގަ ކުރާ ގޮތުގައި ޓިކްޓޮކުގެ ސަބަބުން އެމެރިކާއަށް ނުރައްކަލެއް ކުރިމަތިވާނީ، އެއީ ޗައިނާގެ ކުންފުންޏެއްގެ ބެލުމުގެ ދަށުގައި އޮންނަ އެޕްލިކޭޝަނަކަށްވުމުގެ ސަބަބުންނެވެ. އެގޮތުން، މި އެޕްލިކޭޝަން ބޭނުންކޮށްގެން، ޗައިނާގެ އެކި އިދާރާތަކުން، އެމެރިކާގެ ވަކި ވަކި ރައްޔިތުންނަށް ޖާސޫސް ކޮށްފާނެކަމަށް މެންބަރުން ބުނެފައިވެއެވެ.
އެހެން ބައެއް މެންބަރުން، މަޖިލީހުގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ޓިކްޓޮކް ހިންގާ ކުންފުންޏަކީ ޗައިނާގައި ހިންގަމުން އަންނަ ކުންފުންޏަކަށްވުމުން، ޗައިނާގެ އިދާރާތަކުގެ ޖަސޫސީ މަސައްކަތްތަކަށް އެއްބާރުލުންދޭން މަޖުބޫރުވާނެކަމުގައެވެ. އެހެންކަމުން، އެކަމުގެ ނުރައްކާ އެމެރިކާ އަށް ބޮޑުކަމަށެވެ.
މީގެއިތުރުން، "މިއުޒިކަލީ" އާއި ޓިކްޓޮކް އެއްކޮށްލި ގޮތްވެސް ތަހުގީގު ކުރަން ޖެހޭކަމަށް އެމެރިކާގެ ބައެއް މަޖިލިސް މެންބަރުން ބުނެފައިވެއެވެ.
މި އެޕްލިކޭޝަނަކީ "ބައިޓްޑާންސް" ނަމަކަށް ކިޔާ ޗައިނާ ކުންފުންޏެއްގެ އެޕްލިކޭޝަނެކެވެ. އެކުންފުނިން ބުނާގޮތުގައި، އެމެރިކާގެ ހުރިހޭ ޑޭޓާތަކެއް އެކުންފުނިން ރައްކާކުރަނީ އެމެރިކާގައެވެ. މި ޑޭޓާތައް ބެކްއަޕް ކުރަނީ ސިންގަޕޫރުގައެވެ. އަދި އެއްވެސް ޑޭޓާ ސެންޓަރެއް ޗައިނާގައި ނުހުންނާނެކަމަށްވެސް ބުނެފައިވެއެވެ.
ބައެއް އެހެން ސަބަބުތަކާ ގުޅިގެން، މިހާރުވެސް ބައެއް ޤައުމުތަކުގައި ޓިކްޓޮކް މަނާކޮށްފައިވެއެވެ.