އީޔޫ އިން ވަކިވުމަށް އިނގިރޭސީންނަށް ދިން ސުންގަޑި ފަސްކޮށްފި

 ވިލާތު އިއްތިޙާދު ނުވަތަ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށް އިނގިރޭސިވިލާތަށް ދިން މުހުލަތު އިތުރުކޮށް، އެޤައުމު، އެޖަމާއަތުން ވަކިވުމުގެ ސުންގަޑި ބަދަލުކޮށްފިއެވެ.

މިއަދު އޮތް ޔޫރަޕިއަން ކައުންސިލްގެ ބައްދަލުވުމުގައި، ސުންގަޑި ފަސްކުރަން ނިންމާފައިވާއިރު، މިހާރު ކަނޑައަޅާފައިވާ ސިންގަޑިއަކީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހެވެ. މިހާރު ކަނޑައެޅުފައިވާގޮތުން، އީޔޫ އިން ވަކިވުމުގެ ކަންކަން، އެދުވަހުގެ ކުރިން އިނގިރޭސިވިލާތުން ނިންމަން ޖެހޭނެއެވެ.

ކުރިން އިނގިރޭސިވިލާތަށް ދީފައި އޮތް ސުންގަޑި، މި މަހުގެ 31 ވަނަ ދުވަހަށް ހަމަވާގޮތަށް އޮތްއިރު، ޔޫރަޕިއަން ކައުންސިލުން، މިކަމާ ގުޅޭގޮތުން ނިންމުމެއް ނިންމުން ލަސްވެ، ދިގުލައިގެން ދިޔައީ ފަރަންސޭސިވިލާތުގެ ސަބަބުންނެވެ.

ސުންގަޑި ފަސްކުރުމަށް ވިލާތު އިއްތިޙާދާއެކު އިނގިރޭސީން ވެފައިވާ އެއްބަސްވުމާ ހަވާލާދީ "އޭއެފްޕީ" އިން ބުނެފައިވަނީ މި މުއްދަތުގެ ތެރޭގައި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ބްރެކްސިޓް އަށް ހޯދަން ޖެހޭނެކަމުގައެވެ. އަދި އަވަހަށް ރުހުން ލިބިއްޖެކަމުގައިވާނަމަ، ނޮވެމްބަރު 30 ގައި ނުވަތަ ޑިސެމްބަރު 31 ގައިވެސް، އީޔޫގެ ޓްރޭޑް ބްލޮކާ ވަކިވެވިދާނެކަމުގައެވެ.

މިއީ އީޔޫ އިން ވަކިވުމަށް އިނގިރޭސިވިލާތަށް ދިން ސުންގަޑި ފަސްކޮށްދިން ދެވަނަ ފަހަރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ