ޗައިނާގެ ޚާއްޞަ އިދާރީ ސަރަޙައްދެއްގެ ގޮތުގައި އޮންނަ ހޮންގ ކޮންގަ ގައި ކުރަމުން އަންނަ 22 ހަފްތާވީ މުޒާހަރާތައް، އަދިވެސް ހޫނުކަމާއެކު ކުރިއަށް އެބަދެއެވެ. ޑިމޮކްރަސީގެ އަސާސުތައް ނެގެހެއްޓުމުގެ ނަމުގައި މި މުޒާހަރާ ކުރަމުން އަންނައިރު، މުޒާހަރާ ކުރާ ފަރާތްތަކާއި ފުލުހުންނާ ދެމެދުދަނީ ހަމަނުޖެހުންތައް ހިނގަމުންނެވެ.
އިއްޔެވެސް ހޮންގ ކޮންގެ ބައޮބޯ ވިޔަފާރީގެ ސަރަޙައްދެއްގައި ޑިމޮކްރަސީއާ އެއްކޮޅު މުޒާހަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މުޒާހަރާގެ ބައިވެރިން ކަޅު މާސްކު އަޅާ، މޫނު ފޮރުވައިގެން ތިބިއިރު، އެފަރާތްތަކުންވަނީ ބައިނަލްއަޤުވާމީ އެހީތެރިކަމަށް ގޮވާލާފައެވެ.
ހޮނިހިރު ދުވަހު، ވިކްޓޯރިޔާ ޕާކް ސަރަޙައްދުގައި ކުރިއަށް ދިޔަ މުޒާހަރާތައް ހޫނުވުމުގެ ސަބަބުން، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، މުޒާހަރާ ރޫޅާލުމަށްޓަކައި މަސައްކަތް ކޮށްފައެވެ. ފުލުހުންގެ ފަރާތުން މުޒާހަރާ ރޫޅާލުމަށްޓަކައި ވަނީ ކަރުނަ ގޭހާއި ފެން ބޭނުންކޮށްފައެވެ.
ހަމައެހެންމެ، ޑިމޮކްރަސީ ގެނައުމަށް ގޮވާލާ ފަރާތްތަކުންވެސް ވަނީ ބާރުގެ ބޭނުންކޮށްފައެވެ. އެގޮތުން، ފުލުހުންގެ ބެރިކޭޑުތައް ފަޅާލުމާއި، މަގުތަކުގައި އަތުރާފައިހުރި ގައުތައް ނަގައިގެން އުކުމާއި، ޕެޓްރޯލް ބޮން އުކާ، އަލިފާން ރޯކުރުމުގެ ޢަމަލުތަކެއް ހިންގާފައިވެއެވެ. ހަމައެހެންމެ، ޗައިނާއާ ވަފާތެރި ނުވަތަ ޗައިނާ އަށް ތާއީދުކުރާ ފަރާތްތަކުގެ ވިޔަފާރިތަކަށް ގެއްލުން ދީފައިވެސްވެއެވެ. މިކަންތައްތަކާ ގުޅިގެން ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުވެސްކޮށްފައެވެ.
މި އަހަރުގެ ޖޫން މަހުން ފެށިގެން، ހޮންގ ކޮންގ ގައި ދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާތައް ފެށުމަކީ ޗައިނާގެ އެދުމަށް އެސަރަޙައްދުގެ ސަރުކާރުން ވުޖޫދަށް ގެނައި ބިލެކެވެ.