70 އަހަރުވެފައިވާ، އިންޑިޔާގެ ބާބަރީ މިސްކިތުގެ މައްސަލައިގައި އިންޑިޔާގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއް ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ކެތްމަދުވެއްޖެއެވެ. އިންޑިޔާގެ މުސްލިމުންނާއި، ހިންދޫން، ދެ ދީނުގެ މުގައްދަސް ތަނެއްގެ ގޮތުގައި ބާބަރީ މިސްކިތް ހުރި ތަން ބަލަމުން އަންނައިރު، މިކަމާ ގުޅިގެން މި މަހުގެ މެދެއްހާ ހިސާބުގައި އިންޑިޔާގެ ސުޕްރީމް ކޯޓުން ހުކުމް ކުރާނެއެވެ.
އިންޑިޔާގެ އުއްތަރަ ޕްރަދޭޝްގެ އަޔޮދްޔާ ސަރަޙައްދުގައި ހުންނަ ބާބަރީ މިސްކިތް ތަޅާލާފައިވަނީ 1992 ވަނަ އަހަރުގެ ތެރޭގައެވެ. އެކަން ކޮށްފައިވަނީ ހަރުކަށި ހިންދޫ އިންގެ ބައެކެވެ. މިކަމާ ގުޅިގެން ދެ ދީނުގެ މީހުންގެ މެދުގައި ބޮޑެތި މައްސަލަތަކެއް ޖެހިފައިވެއެވެ.
އަޔޮދްޔާ އާއި ފައިޒާބާދުގެ ހިންދޫ އިން ދެކޭގޮތުގައި އެތަނަކީ އެމީހުން އަޅުކަން ކުރާ ބުދެއްކަމަށްވާ، ރާމުގެ އަސްލު އުފަންވި ތަނެވެ. އެހެންނަމަވެސް، 1949 ވަނަ އަހަރާ ހަމައަށް، އެތަނަކީ މުސްލިމުން ނަމާދު ކުރުމަށް ބޭނުންކުރަމުން ދިޔަ މިސްކިތެކެވެ. އަދި އެތަނުގެ ތެރޭގައި ރާމުގެ ބުދެއް، ހިންދޫ އިންގެ މީހަކު ބެހެއްޓީކަމަށް ގިނަ ބަޔަކު ބުނެއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން ނެރޭ ހުކުމަކާ ގުޅިގެން ސަރަޙައްދުގެ މަޝްރަހު ހޫނުވެދާނެކަމަށް ބަލާ، ކަމާ ބެހޭ ފަރާތްތަކުން މިހާރުވެސް ދަނީ ތައްޔާރީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން، ސަލާމަތީ ކަންކަން ބަލަހައްޓަން އިތުރު މީހުން ނެރެ، ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. ހަމައެހެންމެ، ކައިވެނިތަކާއި ދީނީ އިހުތިފާލުތައް ބޭއްވުންވެސް ވަނީ މަޑު ޖައްސާލާފައެވެ.