އިރު ފެނުން ތޮޅިލީއްސުރެ ގޭތެރޭގެ އެކި ތަންތަނުން މިއަދު ފެންނަނީ ހަލަބޮލިކަމެވެ. އެއްބަޔަކު ބަދިގެ ތެރޭގައި އަވަދިނެތި އެކި ބާވަތްތައް ކައްކަނީއެވެ. އަނެއްބަޔަކު ސިޑި މައްޗާއި، ޓެރަސް އަދި ގޯތި ތެރޭގައި ހައްދާފައިވާ ރީތި ބަގީޗާގައި ހުރި ގަސްތަކުގައި ބޮކިފަތި އެލުވަނީއެވެ. އަނެއްބަޔަކު ގޭތެރެ ފޮޅާ ސާފުކޮށް، ކުޑަ ދޮރުތަކުގެ ފަރުދާތަކާއި، ސޯފާގެ ކަވަރުތައް ބަދަލުކުރަނީއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިރެއަކީ އަސްމާއާއި ޒާހިރުގެ ދޮށީ ދަރިފުޅު ޒަޔާންގެ އަލަތު ކައިވެނިކުރެވޭ އުފާވެރި ރެޔެވެ. ޒަޔާން ބޭނުންނަމަ އެ ޙަފްލާ، މަޝްހޫރު ރިސޯޓެއް ނޫނީ މާލޭގެ ބޮޑު ހޮޓަލެއްގައިވެސް ބާއްވައިދޭން ޒާހިރު ހުރީ ތައްޔާރަށެވެ. ނަމަވެސް ޒަޔާން އާއި ރާޔާ ބޭނުންވީ ކުޑަ ގޮތަކަށް އެކަން ނިންމާލާށެވެ. ރާޔާއަކީ ޒަޔާންގެ ޙަޔާތުގެ ބައިވެރިއަކަށްވުމަށްޓަކައި އޭނާ ހޮވާފައިވާ ބައިވެރިޔާއެވެ. ގޭގައި ޕާޓީ ބާއްވަން ނިންމީތީ އަސްމާ ބޭނުންވީ އަސްމާގެ ލޯ ކުރިމަތީގައި، އޭނާގެ ބެލުމުގެ ދަށުން ކެއްކުމުގެ ހުރިހާ ކަމަކުން ފެށިގެން ގޭތެރެ ޒީނަތްތެރިކުރުންވެސް ކުރިއަށް ގެންދާށެވެ. ޕާޓީގެ މެހެމާނުން ތިބުމަށް ހަމަޖެހިފައި އޮތީ ޓެރަހާއި ގޭގެ ގޯތި ތެރޭގައެވެ.
ޒާހިރަކީ މާލޭގެ މަޝްހޫރު ވިޔަފާރިވެރިއެކެވެ. އޭނާއަކީ މާލޭގައި ފަރުނީޗަރު ވިއްކާ އެންމެ ބޮޑު އެއް ފިހާރައިގެ ވެރިޔާއެވެ. ރާއްޖޭގެ ބައެއް ރިސޯޓުތަކަށްވެސް އެ ކުންފުނިން ފަރުނީޗަރު ސަޕްލައިކޮށްދެއެވެ. އޭގެ އިތުރުން ރާއްޖެތެރޭގެ ދެ ރަށެއްގައިވެސް އެމީހުންގެ އައުޓްލެޓް ހުރެއެވެ. ޒާހިރުގެ ވިޔަފާރިއަކީ އޭނާގެ ބައްޕަ ދުނިޔޭގައި ބައްޕަ ފަށާފައިވާ ވިޔަފާރިއެކެވެ. ބައްޕަގެ ހުންނަނީ ޒާހިރު އެކަންޏެވެ. އެހެންކަމުން ބައްޕަގެ ހުރިހާ މުދަލެއް މިލްކުވެފައިވަނީ އޭނާއަށެވެ. އަސްމާ އާއި ޒާހިރުގެ 30 އަހަރުވީ ކައިވެންޏަށް ލިބިފައިވަނީ ދެ ފިރިހެން ކުދިންނެވެ. އެއީ ޒަޔާނާއި ޒައިކެވެ. އެދެކުދިންނަކީ އެދެމަފިރިންގެ ދެލޮލުގެ ނޫރެވެ. ދެބެއިންގެ އުމުރުގައި ހުންނަނީ 18 މަހުގެ ތަފާތެވެ. އެދެކުދިން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. ދެބެއިން އުޅޭލެއް ގާތްކަމުން ބައެއް މީހުން ހީކުރަނީ އެއީ އެއްމާބަނޑު ދެބެއިން ކަމުގައެވެ. ޒަޔާން ސްކޫލަށް ދާން ފެށުމުން ޒައިކްވެސް ސްކޫލަށް ދާން ރޯ ވަރުން ޒާހިރު އެދެކުދިން ސްކޫލަށް ވެއްދީ އެއް ގްރޭޑަކަށެވެ. އެހެންކަމުން ދެކުދިން ކިޔަވަމުން އައީވެސް އެކުއެކީގައެވެ. ދެކުދިންނަށް ވަކިން ދެކޮޓަރި ހުއްޓެއްކަމަކު މިއަދާ ޖެހެންދެންވެސް ނިދަނީ އެއް ކޮޓަރިއެއްގައެވެ. އެއް ކުއްޖަކު ހުންނަ ތަނަކުން އަނެއް ކުއްޖަކު ނުފެނި ދިއުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން ދެކުދިންގެ ދިރިއުޅުމުގައި އެއް ކުއްޖަކު އަނެއް ކުއްޖަކަށް ބަރޯސާވެ، އެކަކަށް އަނެކަކުގެ ދިރިއުޅުމާ ބެހޭގޮތުން ނޭންގޭ އެއްވެސް ސިއްރެއް ނޯވެއެވެ.
މިހާރު ޒަޔާންގެ އުމުރުން 25 އަހަރެވެ. އަދި ޒައިކަށް 24 އަހަރެވެ. ދެބެއިން އެކުގައި އެއް މާޙައުލެއްގައި ބޮޑުވެގެން އަޔެއް ކަމަކު ދެމީހުންގެ މިޒާޖު ވަރަށް ތަފާތެވެ. ޒައިކަކީ މީހުންނާ ވަރަށް އަވަހަށް ރަޙުމަތްތެރިވެ، ފަސޭހައިން ގުޅުން ބަދަހިކުރާ، ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ނަމަވެސް ޒަޔާން އޭގެ އިދިކޮޅެވެ. މީހުންނާ ގުޅުން ބަދަހިކުރުން ކީއްކުރަން، ވާހަކަ ދެއްކުންވެސް އޭނާއަށްވަނީ ބޮޑު އުނދަގުލަކަށެވެ. އޭނާގެ ބަސް މަދުކަމުން ބައެއްފަހަރު އޭނާ ހުންނަކަންވެސް ނޭންގެއެވެ. އެހެންކަމުން ކުޑަ އިރުއްސުރެ ޒުވާން އުމުރަށް އެޅި އިރުވެސް ޒައިކް ފިޔަވާ އޭނާގެ ގާތް އެކުވެރިޔަކު ނުހުރެއެވެ. ނަމަވެސް ޒައިކްގެ އެކުވެރިން ވަރަށް ގިނައެވެ. ދާ ކޮންމެ ތަނަކުން އޭނާ ރަޙުމަތްތެރިން ހޯދައެވެ. ނަމަވެސް ފުރަތަމަ ޙަޔާތުގެ ބައިވެރިއެއް ހޯދަން ނިންމީ ޒަޔާނެވެ. ކަން އެހެން އޮތްނަމަވެސް ދެކުދިން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ.
ޒަޔާންގެ ކައިވެނި ކުރެވޭތީ އޭނާއަށް ރޭގައި ރަނގަޅަށް ނުވެސް ނިދެއެވެ. އެކަމުގެ ހުރިހާ އުނދަގުލެއް އޭނާ ކުރީ ކައިރީގައި އޮތް ޒައިކަށެވެ. ޒައިކަށް ހަމަ ނިދޭއިރަށް ކޮންމެވެސް ގޮތަކުން އޭނާ ނިދިން ހޭލައްވާލައެވެ. އަދި ކޮންމެވެސް ވާހަކަޔެއް ފަށައެވެ.
"މިރޭ މީ ކޮއްކޮއަށް އަހަރެން ކައިރީގައި ނިދޭނެ އެންމެ ފަހު ރޭކަން އެނގޭތަ؟"
"އެކަމާ ދެރަވާންވީ އަހަންނެއްނު. އެކަނި އޮންނަންޖެހޭނީ އަހަރެންވިއްޔަ. ދޮންބެ ކައިރީގައި ރާޔާ އޮންނާނެއެއްނު. ދެން ކޮންކަމަކާތަ ނުނިދިގެން ތިއުޅެނީ؟ ނުނިދާ ތާނގައި ތިއުޅެނީ އަހަރެންވެސް ނިދިޔަ ނުދޭން. ރާޔާއަށް އުނދަގޫކޮށްބަލަ." ޒައިކް ފައްޗަކަށް އަމުނާލިއެވެ.
"ނޫނޭ.. ރާޔާ މާކުރިން އަންގާފަ އޮތީ ކައިވެނި ކުރެވޭ ދުވަހުގެ ކުރީ ރޭ އޭނާއަށް އުނދަގޫ ނުކުރަން. އޭނާވެސް އުޅޭނީ މިފަދަ ޙާލެއްގަ ދޯ. އެނގޭތަ އޭނަ މަންމަ ދެކެ އެ ގަންނަނީ އަމަށަކު ބިރެއް ނޫން. ފުރަތަމަ މަންމަ ރާޔާ އާ ލައިކް ނުވިކަން އެނގުނު ފަހުން އަދިވެސް ހުންނަނީ މަންމައާ ވާހަކަދައްކަން ޖެހިލުންވެފަ. އެކަމަކު އަހަރެން ބުނެފަ އޮންނާނީ މަންމައަށް މިހާރު އެނގޭނެޔޭ އަހަރެން ރާޔާ ދެކެ ވާ ލޯބި. އެހެންވީމަ މަންމަވެސް މިހާރު ރާޔާ ދެކެ ލޯބި ވެޔޭ ކިޔައިގެން ހަމަޔަކަށް އަޅުވާފަ އެހުރީވެސް."
ތެދެކެވެ. ޒަޔާންގެ ޙަޔާތަށް ރާޔާފަދަ ރާއްޖެތެރޭ، ނިކަމެތި ޢާއިލާއެއްގެ ކުއްޖެއް ގެންނަން ނިންމިކަން އެނގުނު ހިސާބުން، ރީތި ބަހުން އަސްމާ އެކަމާ ދެކޮޅު ހެދިއެވެ. ސަބަބަކަށް އޭނާ ދެއްކީ އެ ދެކުދިންގެ ފެންވަރުގެ ތަފާތެވެ. އޭގެ ސަބަބުން ދެމީހުންގެ މިޒާޖާއި އުޅުން ނުބައްދަލުވެ، ފަހުން މައްސަލަ ނުކުންނާނެ ކަމުގައި އަސްމާ ޒަޔާނަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އަސްމާ ބޭނުންވީ އެމީހުންނާ އެއްވަރަކަށް މުއްސަނދި ކުއްޖަކު އޭނާގެ ޅީދަރިއަކަށް ހަދާށެވެ. ނަމަވެސް ޒަޔާން ހަމަހިލާ އެކަމުގައި ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާއަށް ރާޔާ ވަރަށް ރަނގަޅަށް އެނގެއެވެ. އެއީ އަޚުލާޤު ރަނގަޅު، މަޑުމައިތިރި އަދި ވަރަށް ރަނގަޅު ތަރުބިއްޔަތެއް ލިބިފައި ހުރި ކުއްޖެކެވެ. އެހެންކަމުން މަންމަ ރާޔާ ބަލައި ނުގަންނަނަމަ އެގެއިން ނުކުމެގެން ދާނެކަމުގައި ޒަޔާން އަސްމާއަށް އެންގިއެވެ. އެކަންވީ އަސްމާއަށް ކެތްކުރަން ނުކުޅެދޭނެވަރުގެ ކަމަކަށެވެ. އެންމެ ދުވަހަކުވެސް އޭނާގެ ދަރިޔަކު ލޮލަށް ނުފެންނަ ހިސާބުގައި ހުންނާކަށް އޭނާ ނޭދެއެވެ. އެކުދިން މަތީ ތަޢުލީމު ހާސިލުކުރަން ބޭރުގައި ކިޔަވަން ތިބި އިރުވެސް މަހަކު އެއްފަހަރު އޭނާ އެކުދިން ކައިރިއަށް ދެއެވެ. އެހެންކަމުން އެންމަ ފަހުން ހަތިޔާރު ބަހައްޓަން ޖެހުނީ އަސްމާއަށެވެ.
"ދެން ދޮންބެއަށް އެނގެއެއްނު މަންމަގެ ގޮތް. ދުވަސްކޮޅަކު އުޅެލަނިކޮށް މަންމަ ހަމައަކަށް އެޅިދާނެ. ކައިވެނީގެ ކަންތައް ތައްޔާރުކުރަންވެސް ހުރިހާ ކަމެއްގަ އެންމެ ކުރީގަ އެއުޅެނީއެއްނު. ރާޔާ އަށް ވެޑިންގ ޑްރެސް ފަހަންވެސް ހަވާލުވީ މަންމައެއްނު. އަމިއްލައަށް ފޮތިވެސް ގަނެގެން މަންމައަށް އެންމެ އިތުބާރު ކުރެވޭ ފަހާމީހާ ލައްވާ ރާޔާގެ މިން ނަގުވައިގެން އެކަންވެސް އެކުރީ ހަމަ އަމިއްލައަކަށްނު. މިހާރު އެހެރީ ހަމަޔަކަށް އެޅިފަހެން ހީވަނީ. އެކަމާ ދެން ހާސް ނުވެބަލަ. ދެން މަ ނިދިޔަ ދީ. އެއޮއް 3 ޖަހަނީ މިހާރު." ޒަޔާން ހިތްހަމަޖައްސައިދެވޭތޯ ދެއްކެން ހުރި ވާހަކައެއް ދައްކާފައި ޒައިކް އަނެއް ފަރާތަށް އެނބުރި ލޯ މަރާލިއެވެ.
ޒަޔާނަށް ނުނިދިގެން ދެފަރާތަށް ފުރޮޅި ފުރޮޅިއޮއްވާ ފަތިސް ނަމާދު ބަންގި ގޮވާ އަޑު އިވުމުން އަނެއްކާ ޒައިކަށް ގޮވަން ފެށިއެވެ. ނަމަވެސް އޭރު ޒައިކް އޮތީ މާ ގަދައަށް ނިދާފައެވެ. އޭނާ ތެދުވާ ޚިޔާލު ނުކުރުމުން އެންމެ ފަހުން ޒަޔާން ގޮސް ފާޚާނާޔަށް ވަދެ ވުޟޫކޮށްލައިގެން ފަތިސް ނަމާދަށް ދިއުމަށްޓަކައި ނުކުތެވެ. އޭރުވެސް ބައެއް މީހުން ގޭތެރޭގައި މަސައްކަތް ފަށައިގެން އުޅޭތަން އޭނާއަށް ފެނުނެވެ.
ފަތިސް ނަމާދުން އައިސް ޒަޔާނަށް ނުހުރެވިގެން ރާޔާއަށް ގުޅާލިއެވެ. ނަމަވެސް އޭރު ރާޔާގެ ފޯނު އޮތީ ނިވިފައެވެ. އެހެންކަމުން ބަދިގެ ފަރާތަށް ގޮސް ކޮފީއެއް ބޯލައިގެން އަނެއްކާ ކޮޓަރިއަށް ވަދެ ޒައިކް ކައިރިއަށް އަރާ އޮށޯތެވެ. އިރުކޮޅެއް ނުވެ އޭނާއަށް ނިދުނެވެ.
ޒަޔާނަށް ހޭލެވުނީ އޭނާގެ ފޯނަށް މީހަކު ގުޅަނިކޮށެވެ. އޭރު ގަޑިން ހެނދުނު 10 ޖަހައިފިއެވެ. ފޯނު ބަލާލިއިރު ގުޅަނީ ރާޔާގެ މަންމަ ޝަހީދާގެ ނަންބަރުންނެވެ.
"ޒަޔާން! ރާޔާ ދިޔަ ތަނެއް އެނގޭތަ؟" ހާސްވެފައި ހުރި އަޑަކުން ޝަހީދާ ސުވާލުކޮށްލިއެވެ.
"ނޫން. ނޭންގެ. ކިހިނެއްވީ؟" ރާޔާގެ މަންމަ ހާސްވެފައި ހުރިވަރުން ޒަޔާންގެ ނިދި ފިލާގޮތްވިއެވެ.
"މަންމަ ހެނދުނު ހޭލައިގެން ރާޔާގެ ކޮޓަރި ބަލާލިއިރު ރާޔާއެއް ނެތް. ފޯނުވެސް އޮތީ ނިވިފަ. އަޒޫ އަށް ގުޅި އިރު އޭނާއަކަށްވެސް ރާޔާ ތަނަކަށް ދިޔަ ކަމެއް އެނގިފައެއް ނެތް. އިއްޔެ ހަވީރު އެ ދެކުދިން ފިހާރައަށް ގޮސްފައި އައީ އިރު އޮއްސުނު ފަހުން. އަޒޫ ގެއަށް ދިޔައީވެސް ރޭގަނޑު 8 ޖެހިފަހުން. އޭގެ ފަހުން ރާޔާ ބޭރަށް ދިޔަ ކަމެއް މަންމައަކަށް ނޭންގެ. އަޒޫ އެހެން ރައްޓެހި ކުދިންނަށް ގުޅައިގެންވެސް ރާޔާ އެއިން ކުއްޖަކާއެކު ހުރިތޯވެސް ބަލައިފި. އެކަމަކު އެއްވެސް ކުއްޖަކަށް ރާޔާ ދިޔަ ތަނެއް ނޭންގެ. މިހާރު ގަންނަންޖެހޭ އެއްވެސް އެއްޗެއްވެސް ނޯންނާނެ. އެންމެ ފަހުން ގަންނަންހުރި ހުރިހާ އެއްޗެއްވެސް އިއްޔެ ގަނެފި. ތިގެއަށް ގެންދަންވެގެން ފޮށިވެސް ޕެކް ކޮށްފި. ފިހާރަޔަކަށް ދިޔަ ނަމަވެސް މިހާރު އަންނަހާއިރުވެއްޖެ. ރާޔާ ދުވަހަކުވެސް މަންމަ ކައިރީ ނުބުނެ ތަނަކަށް ނުދާނެ." އެހިސާބަށް ވާހަކަ ދިޔައިރު ޝަހީދާއަށް ރޮވެން ފަށައިފިއެވެ.
"މަންމަ ހާސް ނުވޭ. އަހަރެން އެބަދަން ތިގެއަށް." ޝަހީދާ ރޯން ފެށުމުން ޒަޔާންވެސް ކަންބޮޑުވާގޮތްވިއެވެ. އެދެމައިންނަކީ އެކަނިމާއެކަނި ދެ ކޮޓަރީގެ އެޕާޓްމެންޓެއްގައި ކުއްޔަށް އުޅޭ ދެމައިންނެވެ. ރާޔާގެ ބައްޕަ ދެ އަނތްބަށް މީހަކާ އިން ފަހުން ނިދަން އަންނަނީ މަދު ރެއަކުއެވެ. ރާޔާމެންގެ ޢާއިލާއާ ބައްޕަގެ ގުޅުން އެހާ ރަނގަޅެއް ނޫނެވެ.
ޒަޔާން ބަލާލިއިރު ޒައިކް އެނދަކު ނެތެވެ. އެހެންކަމުން އަވަސް އަވަހަށް ފާޚާނާއަށް ވަދެ ފެންވަރާލައިގެން ރާޔާގެ ގެއަށް ދިއުމަށްޓަކައި ނުކުތެވެ. ގެއިން ނުކުންނަން ދިޔައިރު މަންމަ، ބައްޕަ އަދި ޒައިކްވެސް އޭނާގެ ލޮލަކު އަޅައެއް ނުގަނެއެވެ. އޭރު ގޭތެރޭގައި އެކި ކަންކަމުގައި މީހުންތައް މަސްއޫލުވެގެން އުޅެއެވެ. އެ އެންމެންތަކުގެ ތެރޭގައި މަންމަމެން ހޯދަންވެސް ވަގުތު ނަގާނެތީ އޭނާ އަވަސްވެގަތީ ރާޔާގެ ގެއަށް ދިއުމަށެވެ.
ސައިކަލުގައި އިން އިރުވެސް ޒަޔާނަށް ވިސްނުނީ ރާޔާގެ މަންމަ ދެއްކި ވާހަކަޔަށެވެ. ކައިވެނިކުރަން ދިހަ ގަޑިއިރަށްވުރެވެސް މަދުވެފައި ހުއްޓާ ރާޔާ އެ ދިޔައީ ކޮންތާކަށް ހެއްޔެވެ؟
(ނުނިމޭ)