ސްޕެއިންގެ ކެމިކަލް އުފައްދާ ކާރުޚާނާއެއްގައި ބާރުގަދަ ގޮވުމެއް ގޮވައިފިއެވެ. ޕީޓްރޯކެމިކަލް ފެކްޓްރީއެއްގައި ގޮވި ގޮވުމުގެ ސަބަބުން އެކަކު މަރުވެ، އިތުރު އަށް މީހަކަށްވަނީ އެކި ވަރުގެ އަނިޔާތައްވެފައެވެ.
އެޤައުމުގެ ރީޖަނަލް ފަޔަރ ސަރވިސް އިން ބުނެފައިވަނީ ގޮވުން ގޮވި ކާރުޚާނާ ހުރީ ކެޓެލޯނިޔާ ސަރަޙައްދުގެ ޓައްރަގޮނާ ސިޓީގައިކަމަށެވެ.
އެފަރާތްތަކުން އިތުރަށް ބުނެފައިވަނީ ކެމިކަލް ފެކްޓްރީ ގޮވުމުގެ ސަބަބުން އެކަކު މަރުވާން މެދުވެރިވީ، މި ބާރުގަދަ ގޮވުމުގެ ސަބަބުން އުފެދުން ޝޮކްވޭވްގެ ސަބަބުން، އެސަރަޙައްދުގައި ހުރި އެހެން އިމާރާތެއް ވެއްޓުމުންކަމުގައެވެ.
މިކަމާ ގުޅިގެން ސްޕެއިންގެ އިންޓީރިޔާ މިނިސްޓަރު ވިދާޅުވެފައިވަނީ އަނިޔާވި އަށް މީހުންނަކީ ފެކްޓްރީގައި މަސައްކަތް ކުރަމުން ދިޔަ މީހުންކަމުގައެވެ. މި މީހުންގެ ތެރެއިން ތިން މީހެއްގެ ހާލު ސީރިޔަސްކަމަށް ވިދާޅުވިއިރު، އެކަކު ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށްވެސް ހާމަކުރައްވާފައިވެއެވެ.
ސްޕެއިންގެ ބޮޑުވަޒީރު، ޕެޑްރޯ ސަންޗޭޒްގެ އޮފީހުން ވިދާޅުވެފައިވަނީ ކެޓެލޯނިޔާ ސަރަޙައްދުގެ ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާކަމަށާއި، ވެގެން އުޅޭގޮތް އެފަރާތްތަކުގެ ކިބައިން ސާފު ކުރަމުންދާކަމަށެވެ. އަދި މި ނުރައްކާތެރި ހާދިސާގެ ސަބަބުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެކަން އަންގާފައިވާނޭކަމަށްވެސް ވިދާޅުވެފައިވެއެވެ.
މި ފެކްޓްރީ ގޮވުމުގެ ސަބަބުން ބޮޑު އަލިފާންގަނޑެއް ރޯވެފައިވެއެވެ. މި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތުގައި 20 ފަޔަރ ޓްރަކް ބޭނުންކޮށްފައިވެއެވެ.