މަޖިލިސް އިންތިޚާބުގައިވެސް ކޯލިޝަނެއް ނެތްކަމަށާއި ކައުންސިލް އިންތިޚާބްގައި އަމުދުން ކޯލިޝަން އަށް އެކުގައި ހިނގޭނެ މަގެއް ނެތްކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ބޮޑު ކޯލިޝަނަކުން ރައީސް ޔާމީން ބަލިކުރެއްވުމަށްފަހު، 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމުގައިވެސް އިސް ދަޢުރެއް އަދާކޮށްފައިވާ ޖަމީލް ވިދަޅުވީ ކޯލިޝަންގެ ވެރިން ތިއްބެވީ ޚިޔާލީ ދުނިޔެއެއްގައި ކަމަށާއި، ސިޔާސީ ބާރުވެރިކަމުން މަޙުރޫމްވެ ނިމެނީކަމަށެވެ.
"ކޯލިޝަންއާއި ބެހޭގޮތުން ރައީސް ނަޝީދު އާ ވާހަކައެއް ވިދާޅެއް ނުވޭ" ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންދާ ޖަމީލް ވިދާޅުވެފައިވެއެވެ.
ކޯލިޝަނަކުން 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ނަމަވެސް ފާއިތުވި މަޖިލިސް އިންތިޚާބުގައިވެސް ގޮނޑިތަކަށް ވާދަކުރައްވާފައިވަނީ ކޮންމެ ޕާޓީއެއް ވަކިންނެވެ. އިންތިޚާބުގެ ކުރިން އެއްބަސްވުމެއް އެކުލަވާލާފައިވާކަމަށް ކޯލިޝަންގެ ލީޑަރުން ބުނަމުން ދިޔައިރު، އެމްޑީޕީއިން ބުނެފައިވަނީ އެފަދަ އެއްބަސްވުމެއް ނެތްކަމަށެވެ.
ޖަމިލިސް އިންތިޚާބުގައި އެމްޑީޕީއިން ވަނީ ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރައްވާ 19 ވަނަ މަޖިލީހުގެ ސްޕަރ މެޖޯރިޓީވެސް ހޯދާފައެވެ.