ކޮންމެ ކަމަކަށް ކޮމިޝަނެއް އުފައްދައިގެން ނޫނީ އެއްވެސް ކަމެއްގެ ހައްލު ނުހޯދެނީތޯ؟ ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ސުވާލު ކުރައްވައިފިއެވެ.
ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބެލުމަށް ބޭރުގެ ތަޖުރިބާކާރަކު ހިމެނޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ކޮމިޝަނެއް އުފެއްދެވުމާއި ގުޅިގެން ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮންމެ ކަމަކަށް ދޭ ކެޕްސޫލް އެއްގޮތަށް ކޮމިޝަންތައް އުފައްދައިގެން ނޫނީ އެއްވެސް ކަމެއްގެ ޙައްލު ނުހޯދެނީތޯ؟ ކަމަށެވެ.
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެކިއެކި ކަންކަމަށް ގިނަ ކޮމެޓީ ތަކެއް ވަނީ އުފައްދަވާފައެވެ. ކޮންމެ ކަމަކަށް ކޮމެޓީއެއް އެކުލަވާލައްވަމުން ގެންދިއުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް ސަރުކާރަށް އަމާޒުވެގެން ގޮސްފައިވެއެވެ. އަދި ކޮމެޓީތަކުގައި ތިއްބަވާ ބޭފުޅުންނަށް ދޭ އެލެވަންސް ތައް ހާމަކުރުމަށްވެސް ގިނަ ބަޔަކު ވަނީ ސަރުކާރަށް ގޮވާލައިފައެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނަށް ސަރުކާރުން އިއްޔެ ޢަމަލު ކުރަން ފަށާފައިވާއިރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރު ކޮށްދިނުމަށް އަވަސް އަދި ހަރުދަނާ މަސައްކަތްތަކެއް ކުރުމަށްޓަކައި ސަރުކާރުން އިއްޔެ ވަނީ ފަސް މެންބަރުންގެ ކޮމިޝަނެއް އެކުލަވާލައިފައެވެ.
މި ކޮމިޝަންގެ ރައީސްއަކަށް ޑ. އާފިޔާ ޢަލީ ހަމަޖައްސާފައިވާއިރު، ބޭރުގެ ތަޖުރިބާ ކާރެއްވެސް މި ކޮމިޝަނުގައި ވަނީ ހިމަނާފައެވެ.
މިކަމާއި ގުޅިގެން ޑރ. ޖަމީލް ވިދާޅުވެފައިވަނީ ޓްރެފިކް މައްސަލައަށާއި، ހައުސިން، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން، ބަދަލުދިނުން އަދި ވަޒީރުންގެ އަޚްލާޤު މިއީ ހަމަ މި އުޞޫލުން ކޮމިޝަންތައް އުފައްދަންވީ ކަންތައްތައް ކަމަށެވެ.