ވޯޓުލާ މަރުކަޒެއްގައި ވޯޓުލުން ފެށިގެން ކުރިއަށްދަނީ - ފޮޓޯ: ފެށުން.ކޮމް

ކައުންސިލް އިންތިޚާބަށް ކަމަށް ބުނެ ޤާނޫނުއަސާސީ އިޞްލާޙްކުރުމަކީ ނުރައްކާތެރިކަމެއް - ޖަމީލް

ކައުންސިލް އިންތިޚާބަށްޓަކައި ކަމަށް ބުނެ ޤާނޫނުއަސާސީ އިޞްލާޙްކުރުމަކީ ނުރައްކާތެރި ކަމެއްކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބު ފަސް ކުރުމާއި ގުޅޭ ގޮތުން މަޖިލީހަށް ބިލެއް ހުށައަޅާފައި ވަނިކޮށެވެ.

ކައުންސިލް އިންތިޚާބު ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި އޮތީ މި ހިނގާ އޭޕްރީލު މަހުގެ 4 ވީ ހޮނިހިރު ދުވަހުއެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެއަށް އާންމު ޞިއްޙަތުގެ ކުއްލި ނުރައްކާ އިޢުލާނު ކުރުމާއި ގުޅިގެން ވޯޓްލުން އޭޕްރީލް މަހުގެ 18 ވަނަ ދުވަހަށް އިލްކެޝަންސް ކޮމިޝަނުން ވަނީ ފަސްކޮށްފައެވެ.

މީގެ އިތުރުން މިހާލަތުގައި އިންތިޚާބު ބޭއްވުމުގައި ގިނަ ދަތިތަކެއް ހުރުމާއެކު އިލެކްޝަން ކޮމިޝަނުން ވަނީ، ވޯޓްލުން ފަސްކުރުމުގެ އަމުރަކަށް ކޯޓުގައިވެސް އެދިފައެވެ. ނަމަވެސް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެފައިވަނީ ވޯޓްލުން ފަސްކުރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަމަށާއި، އެކަން ކުރެވޭނީ މަޖިލީހަށް ކަމަށެވެ.

ޑރ. ޖަމީލް ވިދާޅުވެފައިވަނީ މި މަޖިލީހުން ހެދި އެންމެ ބޮޑު ގޯހަކީ ޤާނޫނީ ހުސްކަމެއް ދިމާވުމުން ސުޕްރީމް ކޯޓުން ފަރުވާއެއް ނުހޯދުންކަމަށެވެ.

"އެންމެ މަތީ ކޯޓަކީ ދުޞްތޫރީ ކޯޓު. ދުޞްތޫރީ ކަންކަމަށް އެ ކޯޓުގެ އިޙްތިޞާސް ނެތް ކަމަށް ހަދައިފިނަމަ މިފަދަ ކޮންމެ ކަމަކާ މެދު އަރައިރުން އުފެދޭނެ" ޖަމީލް ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ ކުރިމަތިވާ ޚާއްސަ ޙާލަތްތަކުގައި ނެސެސިޓީގެ އުސޫލަށް ބަލައި އިންތިޚާބުތައް ފަސްކޮށްފައިވާކަން ރާއްޖޭގެ ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމްތަކުންނާއި އެހެނިހެން ޖޫރިސްޑިކްޝަންތަކުގައި ޤާއިމްކޮށްފައިވާ ޤާނޫނީ ހަމަތަކުން ސާބިތުވާކަމުގައިވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.

މިހާރު މަޖިލީހަށް ހުށައަޅާފައިވާ "ލޯކަލް ކައުންސިލަތަކުގެ ޚާއްސަ ބިލް 2020" ގައި ވާގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020، ލަސްވެގެން، 6 ޖަނަވަރީ 2021 ގެ ނިޔަލަށް ބާއްވައި ނިންމަން ވާނެކަން ވަނީ ބަޔާންކޮށްފައެވެ.

މިހާރު އިންތިޚާބު ވެފައިވާ ކައުންސިލަރުންގެ ދަޢުރު 2020 ޖޫން 3 ވަނަ ދުވަހަށް ހަމަވާނެއެވެ. ނަމަވެސް ކައުންސިލަރުން އިންތިޚާބު ކުރުމަށް ނުވަތަ މިހާރު ތިބި ކައުންސިލަރުންނާ މެދު އަމަލު ކުރާނެ ވަކި ގޮތެއް އަދި އޮތީ ނުނިމިއެވެ.

ޤާނޫނު އިސްލާހު ކުރުމުގެ މަސައްކަތް މަޖިލީހުން ކުރިޔަށް ދާ މި ދަނޑިވަޅުގައި ޖަމީލް ވިދާޅުވެފައިވަނީ ކައުންސިލް އިންތިޚާބަށްޓަކައި ކަމަށް ބުނެ ޤާނޫނުއަސާސީ އިޞްލާޙްކުރުމަކީވެސް ނުރައްކާތެރި ކަމެއްކަމަށާއި، ނަމަވެސް ކުއްލި ޙާލަތްތަކުގައި ޢަމަލްކުރާނެ ގޮތް ބަޔާންކޮށް އިންތިޚާބުތަކާ ބެހޭ ޤާނޫނަށް އިޞްލާޙް ގެނެވިދާނެކަމަށެވެ. "އެންމެ ރަނގަޅު ގޮތަކީ ދުޞްތޫރީ ޚުސޫމަތަށް ސުޕްރީމް ކޯޓުން ޙައްލު ހޯދުން" ކަމުގައި ޖަމީލް ވަނީ ވިދަޅުވެފައެވެ.

އިންތިޚާބާއި ގުޅިގެން ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު ވިދާޅުވެފައި ވަނީ ކައުންސިލް ތަކުގެ އުމުރު އޮތީ ކަނޑައެޅިފައި ކަމަށާއި، ނަމަވެސް ޤާނޫނު އަސާސީ އިޞްލާޙުކުރުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ