ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި، އަލީ ވަހީދަށް ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް(ޕީޖީ)ގެ އޮފީހަށް ފޮނުވައިފިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަހުޤީގުގައި ޕީޖީގެ އޮފީހާއެކު ކުރެވުނު މަޝްވަރާތަކާ އެއްގޮތަށް އިސްލާހުކޮށް މި މަހުގެ 7 ވަނަ ދުވަހު ވަނީ ޕީޖީއަށް މައްސަަލައިގެ ލިޔެކިޔުންތަށް ހަވާލުކޮށްފައިކަމަށެވެ.
މި މައްސަލައާ ގުޅިގެން 15 މީހެއްގެ ބަޔާން ނަގާފައިވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.
ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނަވައި، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގައި، އަލީ ވަހީދު މިނިސްޓަރު ކަމުން ވަކި ކުރީ، މިދިޔަ ޖުލައި މަހު 9ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ތަހުޤީގަށް އަލީ ވަހީދު ދިރިއުޅުއްވާ ގެ ވެސް ބަލާ ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ދަށަށް ގެންގޮސްފައިވާއިރު، އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓާ ރާއްޖެއިން ފުރުންވެސް ވަނީ މަނާކޮށްފައިވައެވެ.
އަލީ ވަހީދުގެ އަޚުލާގީ މައްސަލައެއް މީގެކުރިންވެސް ވަނީ ފެންމަތިވެފައެވެ. މިގޮތުން މިއަހަރުގެ ކުރީކޮޅު މިނިސްޓަރު އަލީ ވަހީދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓެ މިނިސްޓަރ އައްސަދު އަލީގެ އޯޑިއޯ ތަކެއް މީސް މީޑިއާގައި ދިޔައީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ. އެހެންނަމަވެސް އޭރުވެސް އަލީ ވަހީދު ވިދާޅުވަމުންދަނީ ދައުރު ކުރަމުން ގެންދަނީ ސައްޙަ އޯޑިއޯ ތަކެއް ނޫން ކަމަށެވެ.
އަލީ ވަހީދު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ 2018 ނޮވެމްބަރ 17 ވަނަ ދުވަހު އެވެ. އޭނާ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.