ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހްމަދު ޝުކޫރު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމައިފިއެވެ.
ތަހުޤީގުކުރަމުންދާ އަދި ޝުކޫރުއަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ މައްސަލަތަކަކާއި ގުޅިގެން، ޖުލައި މަހުގައި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ، އަހްމަދު ޝުކޫރު ދެ މަސް ދުވަހަށް ސަސްޕެންޑު ކުރައްވާފައެވެ.
ޖޭއެސްސީން ވިދާޅުވީ، ޝުކޫރުއާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަ ގއ.ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަހު، އެ ކޯޓުގައި މަސައްކަތްކުރާ މެޖިސްޓްރޭޓެއް ގޮތުގައި ހުރެ، ހައްޔަރުކުރެވިފައިވާ ފަރާތުގެ ޤާނޫނީ ވަކީލުއާ ގއ.ވިލިނގިލީ ރެސްޓޯރެންޓެއްގައި އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ބައްދަލުވެ ވަކީލު ދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ސާބިތުވާކަމަށެވެ.
މީގެ އިތުރުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ގއ.ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމެއްގައި ކުރީގެ ފަނޑިޔާރުންތަކަކާއެކު އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުވެސް ބައިވެރިވެ ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާޢީދުކުރާކަން ހާމަކޮށް ވާހަކަދައްކައި ވޯޓް ހޯދުމަށް އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު މަސައްކަތްކޮށްފައިވާކަމަށާއި، އަދި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ގއ.ވިލިނގިލީ ކެފޭއެއްގެ ތެރޭގައި، އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ސިޔާސީ ވާހަކަ ދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން ސާބިތުވާކަމަށެވެ.
މީގެ އިތުރުން ޖޭއެސްސީން ވިދާޅުވީ، 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ.ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް
ނިންމުމަށް ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުގެ ކުރިން، ޝަރީޢަތުގެ މަޖިލީހުން ބޭރުން، އެމީހުންގެ ބަންދާމެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް، އަދި ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވެސް ޢަދުލުވެރިކަމުގެ ހަމަތަކުން ބޭރުން އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ޢަމަލުކޮށްފައިވާކަން ސާބިތުވާކަމަށެވެ.
ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނުގައި ވިދާޅުވީ، ޝުކޫރުގެ މި އަމަލުތައް ސާބިތުވާހިނދު އަޙްމަދު ޝުކޫރު ކުރި މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ (3)، (5)، (10) ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.5، 3.1، 4.2، 7.1 އަދި 7.2 ވަނަ ނަންބަރާއި ޚިލާފަށް ކޮށްފައިވާ ޢަމަލުތަކެއްކަމަށް ވާތީ އާއި އަދި ޝުކޫރު ކުރި މި ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެން ނުވާފަދަ ޢަމަލުތަކެއްކަމަށް ވާތީ، ޤާނޫނުގެ ދަށުން، ޝުކޫރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް 21 އޮކްޓޫބަރު 2020 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ 76 ވަނަ ބައްދަލުވުމުން ނިންމާފައިވާކަމަށެވެ.
އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ކޮމިޝަނުން މިއަދު ނިންމިއިރު، އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުގެއިިތުރު މައްސަލަތައްވެސް ކޮމިޝަނުން ދަނީ ތަހްޤީޤުކުރަމުންކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.
އަޙްމަދު ޝުކޫރުގެ މައްޗަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކަކީ:
1. ފުލުހުން ކޯޓު އަމުރެއް ހޯދަން ދިއުމުން އަމުރު ދިނީމާ ކުށުގެ ވެއްޓަށް ފުލުހުން ދާއިރު އެކަމުގެ މައުލޫމާތު ކުރީބައިގައި ލީކް ވެފައި އޮންނަ ކަމަށާއި އެކަމުގެ ސަބަބުން ހެކި ނެތިގެން ދާކަމަށް ފާހަގަކޮށް ހުށަހަޅާފައިވާ މައްސަލަ
2. މަސްތުވާތަކެއްޗާއި ގުޅުން އޮންނަ ފަރާތްތަކާއި ގާތް ގުޅުމެއް ބޭއްމު އެއްވުމާއި ހައްޔަރުކުރެވޭ ފަރާތްތައް އަޙްމަދު ޝުކޫރު އާއި މެދު ފާޅުކުރާ ޚިޔާލުތަކާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަ
3. ގއ.ވިލިނގިއްޔަށް ނިސްބަތްވާ މަސްތުވާތަކެއްޗާއި އަދި އެހެނިހެން ކުށްތަކާއި ގުޅުން އޮންނަ ފަރާތްތަކުގެ މައްސަލަތައް ސާބިތުނުވާކަމަށް ޙުކުމްކުރަމުން ދިއުމުގެ މައްސަލަ
4. ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅޭފަދަ އަމަލުތަކެއް ކޮށްފައިވުން.
5. ފަހުގެ ތާރީޚްގައި ގއ.ވިލިނގިލިންނާއި، އަތޮޅުގެ އެހެން ރަށްރަށުން ބަންދާއި މެދު ގޮތެއް ނިންމުމަށް ގެންނަ ފަރާތްތައް ހެކި ހުންނަ ޙާލަތްތަކުގައި އެއްވެސް ސަބަބެއް ނެތި ދޫކޮށްލައި ރިޝްވަތު ނަގާފައިވާކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަ.
6. ފުލުހުން ކޯޓަށް ޙާޟިރުކޮށް އިންޒާރުދިންކަމަށް ބުނާ މައްސަލަ.
7 ތަޙްޤީޤުކުރަމުން އަންނަ މައްސަލަތަކުގައި ކޯޓަށް ދާ ފުލުހުންނަށް ޖެއްސުންކުރުމާއި، ތުހުމަތުކުރެވޭ ފަރާތްތަކުގެ ކުރިމަތީގައި ފުލުހުންގެ އަގު ވައްޓައި ތުހުމަތުކުރެވޭ ފަރާތްތައް ދިފާޢުކުރާކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަ.
8. ގއ.މާމެންދޫ ސްޓަރލައިޓް އަބޫބަކުރުގެ ފުނަގަސްތަކެއް ކަނޑައި ބޭނުންކޮށްފައިވާ މައްސަލަ ކޯޓަށް ހުށަހެޅުމުން، އެ ގަސްތަކުގެ ބަދަލުދޭން ޙުކުމް ކޮށްފައި ވާތީ އެ ބަދަލު ލިބިގަތުމަށް ގއ.މާމެންދޫ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ނުގެންދާ ލަސްކުރަމުން ދާކަމަށް ބުނާ ޝަކުވާ