އަދިވެސް އިންޑިއާ ނޫސްތަކުގެ އެންމެ ފަލަ ސުރުހީގައި އޮތް އެއް ވާހަކައަކީ، މަޝްހޫރު ބޮލީވުޑް ތަރި ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލް ކައިވެނި ކުރި ހަބަރެވެ. ވަރަށް ސިއްރުން ބޭއްވި ހަފްލާއެއްގައި ކެޓްރީނާ އާއި ވިކީ ކައިވެނިކުރީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ.
މިދިޔަ މަހުން ފެށިގެން މި ދެތަރިން ކައިވެނި ކުރަން އުޅޭ ވާހަކަ އެތައް މީޑިއާތަކަކުން ރިޕޯޓުކުރި އެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައަކަށް އެ ދެމީހުން ރައްދު ދީފައި ނުވާއިރު، ދެމީހުން ކައިވެނި ކުރިން ކަން ޔަޤީންކޮށްދިނީ ކައިވެންޏަށްފަހު މީސްމީޑިއާ އެކައުންޓުތަކުގައި ހިއްސާކުރި ފޮޓޯތަކުންނެވެ. ކައިވެނީގެ ހަފްލާގެ ފޮޓޯތައް މީގެ ފަސް ދުވަސް ކުރިން ކެޓްރީނާ އާއި ވިކީ ހިއްސާކުރުމާއެކު ދެމީހުން ކައިވެނިކުރިކަން އެންމެންނަށް ކަށަވަރުވިއެވެ.
އެއަށްފަހު ކޮންމެ ދުވަހަކުވެސް ކެޓްރީނާ އާއި ވިކީ އަންނަނީ މި ދެ ބައިވެރިންގެ ކައިވެނީގެ ހަފްލާގެ ހިތްގައިމު އައު ފޮޓޯތައް އިންސްޓަގްރަމްގައި ހިއްސާކުރަމުންނެވެ. އަދި މި ފޮޓޯތަކަށް ގިނަބައެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ.

ކެޓްރީނާ އާއި ވިކީގެ ލޯބީގެ ގުޅުން ފެށިފައި ވަނީ ކަރަން ޖޯހަރުގެ ޝޯއެއްގެ ދެމީހުންގެ އެކީގައި ބައިވެރިވި އެޕިސޯޑަކަށް ފަހު ކަމަށް ބެލެވެ އެވެ. އަދި މިދެމީހުން ރަށްޓެހިވެގެން އުޅޭކަމުގެ ހަބަރުތައްވެސް އެދުވަސްވަރު ފެތުރުނެވެ. ނަމަވެސް އޭރުވެސް މިއިން އެއްވެސް ވާހަކައެއް ދެމީހުން ޔަޤީންކޮށްދީފައެއް ނުވެއެވެ.

ކައިވެންޏާއި ހިސާބަށްވެސް މި ދެމީހުންގެ ގުޅުން ފޮރުވަން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް މީޑިއާތަކުން މި ދެމީހުން ކައިވެނި ކުރަން އުޅޭކަމަށް ބުނެ ވަރަށް ޔަޤީންކަމާއެކު ހަބަރު ފެތުރިއެވެ. ވިކީ އާއި ކެޓްރީނާގެ އާއިލާ މީހުންވެސް މި ވާހަކަތަކަށް ފުރަތަމަ ދެކޮޅު ހަދާ، އެއީ ދޮގެއް ކަމަށް ބުންޏެވެ.

ކެޓްރީނާ އާއި ވިކީ ހަނީ މޫނަށް އައިސްފައި ވަނީ ރާއްޖެއަށް ކަމަށް ދިވެހި ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މި ދެމީހުންގެ ހަނީމޫނުގެ އެއްވެސް ފޮޓޯއެއް އަދި މީސްމީޑިއާއަކަށް ނުލައެވެ.



