މަޝްހޫރު ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް"ގެ ތަރި ކިމް ކާޑޭޝިއަން، ލޯޔަރަކަށް ވުމަށްޓަކައި ހަދަންޖެހޭ ފުރަތަމަ ބާ އެގްޒާމް، ހަތަރު ވަނަ ފަހަރަށް ހަދައިގެން އެންމެ ފަހުން ފާސްވެއްޖެ އެވެ.
ކިމް މިކަން ހާމަކުރީ އިއްޔެ މީސްމީޑިއާގައި އާއްމުކުރި އޭނަގެ ފޮޓޯތަކަކާއެކު، ވަރަށް އުފާވެފައި ހުރެއެވެ. ކިމް ބުނީ ކުރެވުނު މަސައްކަތުން މިހިސާބަށް އާދެވުމުން ވަރަށް ފަހުރުވެރިވާ ކަމަށެވެ.
ލޯޔަރުކަން ކިޔަވަމުން އަންނަކަން އެންމެ ފުރަތަމަ ކިމް ހާމަކުރީ 2019 ވަނަ އަހަރު ތެރޭގައެވެ. އެގޮތުން ލޯ ޕްރެކްޓިސް ކުރުމަށް ލައިސެންސް ހޯދުމަށް ހަދަންޖެހޭ ރެގިއުލާ ބާ އެގްޒާމް ހަދަން ޖެހުމުގެ ކުރިން ހަދާ ފުރަމަތަ ބާ އެގްޒާމް ނުވަތަ "ބޭބީ ބާ" އެގްޒާމްގައި ކިމް ވަނީ ފާއިތުވި ދެ އަހަރު ތެރޭގައި ތިން ފަހަރަށް ފެއިލްވެފައެވެ.
ކިމް ހާމަކުރި ގޮތުގައި، ފެއިލްވި ކޮންމެ ފަހަރަކުވެސް ހިތްވަރު އެލުވާނުލާ ބުރަކޮށް މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ކިމް މި އެގްޒާމް ތިން ވަނަ ފަހަރަށް ހެދި އިރު އޭނާއަށް ކޮވިޑް ޖެހިފައި ހުރިކަން ފާހަގަކޮށް ކިމް ބުނީ، އެއީ އުޒުރެއްގެ ގޮތުގައި އޭނާ އެފަަރުވެސް ނުދެކޭ ކަމަށެވެ.
ކިމް ލޯ ކިޔަވަމުން އަންނަނީ ކެލިފޯނިއާގެ ލޯ ފާމްއަކާއެކު އެވެ. އަދި "ބޭބީ ބާ" އެގްޒާމް އަކީ ހުއްދަ ދެވިފައިވާ ސްކޫލްތައް ފިޔަވާ އެޕްރެންޓިސްޝިޕް ނުވަތަ އަމިއްލަ ތަންތަނުން ޤާނޫނީ ވަކީލުކަން ކިޔަވާ ދަރިވަރުންނަށް ކެލިފޯނިއާގައި ދޭ އެގްޒާމްއެކެވެ. ކެލިފޯނިއާއަކީ ބާ އެގްޒާމް ހެދުމަށްފަހު ފާސްވެގެން ނޫނީ ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ މަދު ސްޓޭޓްތަކުގެ ތެރެއިން ސްޓޭޓެކެވެ. އެގޮތުން އެތަނުގައި ލޯޔަރަކަށް ވުމަށް 2 ބާ އެގްޒާމް އިން ފާސްވާން ޖެހެއެވެ.
ކިމް ބުނީ، އޭނާ ލޯޔަރަކަށް ވުމަށް ދެކެމުން އައި ހުވަފެންތައް ހަޤީގަތަކަށް ވާން ވަރަށް ގާތްވެއްޖެ ކަމަށާއި، ހިތްވަރު އެލުވާނުލާ އަދިވެސް ކުރިއަށް ދާނެ ކަމަށެވެ.




