ދެކުނު އެފްރިކާގެ މަޖިލިސް ކުރާ ގޭގައި ރޯވި ހާދިސާއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި

ދެކުނު އެފްރިކާގެ ގާނޫނޫ ހަދާ މަޖިލިސްގެ އިމާރާތުގައި އިއްޔެ އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުނު ހާދިސާއާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާނާ ހަވާލާދީ ބީބީސީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާއާއި ގުޅިގެން އެ ފިރިހެން މީހާ ހައްޔަރުކޮށްފައި ވަނީ ތަނެއްގައި އަލިފާން ރޯކޮށްލުމުގެ ކުށުގައާއި، ހުއްދަ ނެތި ތަނަކަށް ވަދެ، ވައްކަން ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އަންނަ އަންގާރަ ދުވަހު އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ނޫހުގައި ރިޕޯޓުކޮށްފައިވެ އެވެ.

މަޖިލިސް އިމާރާތުގައި ރޯވުމުގެ ސަބަބުން، އިމާރާތުގެ ފުރާޅުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދާ، ފުރާޅު ވަނީ ގާތްގަނޑަކަށް ހަލާކުވެފަ އެވެ. މި އަލިފާންގަނޑު ނިއްވާލުމަށް ފަޔާ ފައިޓަރުން ވަނީ އެތައް ގަޑިއިރެއް އެކަމުގައި ހޭދަކޮށްފަ އެވެ.

މީސްމީޑިއާގައި އިއްޔެ އާއްމުވި ވީޑިއޯ ފޫޓޭޖުތަކުން ފެންނަ ގޮތުގައި، މަޖިލިސް އިމާރާތުގައި ރޯވުމުގެ ސަބަބުން، އިމާރާތުގެ ފުރާޅުމަތިން އަރަމުންދާ ބޯ ކަޅު ދުންގަނޑާއެކު، ރޯވެފައިވާ އަލިފާންގަނޑުވެސް ފެންނަން ހުއްޓެވެ.

އިއްޔެ އޮފިޝަލުން ރިޕޯޓުކުރި ގޮތުގައި، އެންމެ ބޮޑަށް އަލިފާންގަނޑު ރޯވެފައި ވަނީ އިމާރާތުގެ ތިން ވަނަ ފަންގިފިލާގައެވެ. އަދި އަލިފާންގަނޑު ފުރަތަމަ ރޯވެފައިވަނީ މަޖިލީހުގެ އޮފީސްގެ ބައިގައި ކަމަށާއި، އެއަށްފަހު އަލިފާންގަނޑު ފެތުރުނީކަމަށް އޮފިޝަލުން ރިޕޯޓުކޮށްފައިވެ އެވެ.

މިދުވަސްވަރަކީ މަޖިލިސް ޗުއްޓީ ދުވަސްވަރު ކަމުން މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ސައުތު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހާދިސާގެ ސަބަބުން މަޖިލިސް އިމާރާތައް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން އިމާރާތުގެ ބައެއް އޮފީސްތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގުމުން، ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރަމަފޯސާ ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އަދި އަލިފާންގަނޑު ނިއްވާލުމަށް ފަޔާ ފައިޓަރުން ކުރި މަސައްކަތަށް އޭނާ ވަނީ ތައުރީފުކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ