ފޮޓޯ: ބީބީސީ ނިއުސް

ވިހެއުމަށްފަހު މަތިންދާބޯޓުގެ ޑަސްބިނަށް އެއްލާލާފައި އޮތް ކުއްޖަކު ފެނިއްޖެ

ވިހެއުމަށްފަހު މަތިންދާބޯޓުގެ ފާހާނަތެރޭގައި ހުރި ކުނިވަށިގަނޑު ތެރެއަށް އެއްލާލާފައި އޮތް ތުއްތު ކުއްޖަކު ފެނިއްޖެ އެވެ.

މަޑަގަސްކަރައއިން ފުރައިން މޮރިޝަސް އަށް ދަތުރުކުރި "އެއާ މޮރިޝަސް" މަތިންދާބޯޓަކުން މި ތުއްތު ކުއްޖާ ފާހާނާގެ ޑަސްބިނަށް އެއްލާލައިފައި އޮއްވާ ފެނުނީ އެއާޕޯޓުގެ މުވައްޒަފަކަށެވެ. އެ ތުއްތު ކުއްޖާ ފެނުނީ މަތިންދާބޯޓު މޮރިޝަސް އެއާޕޯޓަށް ޖެއްސި ފަހުންނެވެ.

ބީބީސީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ތުހުމަތުކުރެވެނީ 20 އަހަރުގެ މަޑަގަސްކަރައަށް ނިސްބަތްވާ އަންހެނަކަށެވެ. މި އަންހެންމީހާ މަތިންދާބޯޓުގެ ފާހާނަތެރޭ ވިހެއުމަށްފަހު ދަރިފުޅު ކުނިވަށިގަނޑަށް އެއްލައިލި ކަމުގެ ތުހުމަތުގައި މިހާރު ވަނީ ހައްޔަރުވެސް ކޮށްފައެވެ.

މި މަތިންދާބޯޓު މޮރިޝަސްގެ މައި އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފައި ވަނީ މިދިޔަ ޖެނުވަރީ މަހު 1 ގައެވެ. މި ތުއްތު ކުއްޖާ މަތިންދާބޯޓުގެ ފާހަނާތެރޭގައި ހުރި ކުނި ވަށިގަނޑުން ފެނުނީ، އެއާޕޯޓު އޮފިސަރެއް، އާންމު އުސޫލުގެ މަތިން އެ މަތިންދާބޯޓު ބަލާ ފާސްކުރުމުގެ ތެރެއިންނެވެ.

އެ ތުއްތު ކުއްޖާ ފެނުމާއެކު، ވަގުތުން ވަނީ ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މަތިންދާބޯޓުގެ ކުނިވަށިގަނޑު ތެރެއިން ފެނުނު ތުއްތު ފިރިހެން ކުއްޖަކީ، މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އަންހެންމީހާގެ ދަރިފުޅުކަމަށް އޭނާ ފުރަތަމަ ވަނީ އިންކާރުކޮށްފައެވެ. ނަމަވެސް މެޑިކަލް އެގްޒަމިނޭޝަން ހެދުމުން އެއީ އެ އަންހެންމީހާ ވިހެއި ކުއްޖެއްކަން ވަނީ ކަށަވަރުވެފައެވެެ.

ފުލުހުން ބެލުމުގެ ދަށުން އެ އަންހެންމީހާވެސް މިވަގުތު އޮތީ ހޮސްޕިޓަލުގައެވެ. އަދި އެ އަންހެންމީހާ އާއި ތުއްތު ދަރިފުޅުގެ ހާލުވެސް ރަނގަޅުކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ކުނިވަށިގަނޑުން ފެނުނު ކުއްޖާގެ މަންމަ ކަމަށް ބެލެވޭ އަންހެން މީހާއަކީ، 2 އަހަރު ދުވަހުގެ ވޯކް ވިސާގައި މޮރިޝަސްއަށް އެތެރެވި މީހެކެވެ. އަލަށް އުފަންވި ތުއްތު ކުއްޖަކު އިހުމާލުން ދޫކޮށްލި ކަމުގެ ކުށުގައި، އަންހެން މީހާއާ ސުވާލުކޮށް، ދައުވާ އުފުލާނީ، ހޮސްޕިޓަލުން ދޫކޮށްލުމުން ކަމަށް މައުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން
233
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ