ފަސް އަހަރުގެ ރަޔާން 100 ފޫޓުގެ ފުން ވަޅުން ސަލަމާތްކުރުމުގެ މަސައްކަތް ކުރިއަށް!

މޮރޮކޯގައި އުމުރުން ފަސް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު 104 ފޫޓުގެ ވަޅަކަށް ވެއްޓި ތާށިވެފައި އޮންނަތާ މިއަދަށް މިވީ ފަސްވަނަ ދުވަހެވެ. މިދިޔަ އަންގާރަ ދުވަހު އެ ފުން ވަޅަށް ވެއްޓުނު ކުޑަކުއްޖާ ސަލާމަތްކުރުމަށް ކުރެވެމުން އަންނަ ބުރަ މަސައްކަތަށް ބޮޑު ކުރިއެރުމެއް މިހާރު ވަނީ ލިބިފަ އެވެ.

ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދިގު މިނުގައި 32 މީޓަރު (104 ފޫޓް) ހުންނަ ހިމަ ވަޅަކަށް ވެއްޓިފައި ވަނީ ރަޔާން ނަމަކަށް ކިޔާ އުމުރުން ފަސް އަހަރުގެ ފިރިހެން ކުއްޖެކެވެ.

ރަޔާން ސަލާމަތްކުރުމުގެ މަސައްކަތް ވަރަށް ފުޅާކޮށް ކުރަމުން އަންނައިރު، މިހާރު މި އޮޕަރޭޝަންގެ އެންމެ ފަހު މަރުހަލާ ކާމިޔާބުވުމާ ގާތަށް ގޮސްފައިވާ ކަމަށް ބީބީސީ ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެގޮތުން ރެސްކިއު ޓީމާ ހަވާލާދީ، އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ފުންވަޅުގެ ތެރެއިން ރަޔާން އާއި ހަމައަށް ދިއުމަށް މިހާރު ވަނީ ވަރަށް ގާތްވެފަ އެވެ.

ރަޔާން ސަލާމަތްކުރުމަށް އެންމެ ބޮޑު ހަރަހަކަށް ވެފައި އޮތީ ވަޅުގެ ހަނިވުމެވެ. ރަޔާން ހިސާބަށް ވާސިލުވުމަށް ކޮންނަމުންދާ ޓަނެލްގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް، އޭނާ އަށް ގެއްލުން ވެދާނެ ކަމުގެ ހާދިސާއެއް ހިނގައިފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް ރެސްކިއު ޓީމުން ވަނީ ބުނެފަ އެވެ.

ރަޔާންގެ މިވަގުތު ހާލަތު ސީދާ ޔަޤީންކޮށް ބުނެދޭން ނޭނގުނު ނަމަވެސް، ރެސްކިއު ޓީމުން ބުނެފައިވަނީ އުއްމީދަކީ އޭނާ ދިރިހުއްޓާ ސަލަމާތްކުރުން ކަމަށެވެ.

ރަޔާން އެ ފުން ވަޅަށް ވެއްޓުމާއެކު މީގެ ފަސް ދުވަސް ކުރިން ވަނީ އޭނާގެ ހާލަތު ބެލުމަށް ކެމެރާއެއް ވަޅަށް ތިރިކޮށްފަ އެވެ. އެ ކެމެރާއިން އޭރު ފެނުނު ގޮތުގައި ރަޔާން ހުރީ ސަލާމަތުންނެވެ. ނަމަވެސް ކުދި އަނިޔާތަކެއް ލިބިފައި ހުރިކަން ކެމެރާ ފޫޓޭޖުތަކުން ފެނިފައިވެ އެވެ.

ރެސްކިއު ޓީމުން ވަނީ ރަޔާންއާއި ހިސާބަށް ފެނާއި ކާނާވެސް ފޯރުކޮށްދީފަ އެވެ. އަދި އެ ކުއްޖާ ފެން ބުއިކަން ވަނީ ފޫޓޭޖުތަކުން ފެނިފައެވެ.

މި ހާދިސާ އާއި ގުޅިގެން ދުނިޔޭގެ އެތައް ބަޔަކު އަންނަނީ ރަޔާން އަށް ހަމްދަރުދީވެ، އޭނާ ދިރިހުއްޓާ ސަލާމަތްވުމަށް އެދި ދުއާކުރަމުންނެވެ. އެގޮތުން އެތައް ބަޔަކު ދަނީ ހޭޝްޓެގް SaveRayan# ބޭނުންކޮށްގެން، އެ ކުއްޖާއަށް ހެޔޮ ދުއާ ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
3319
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ