ސިނަމާލެ ބުރިޖު ކައިރިން ދަތުރުކޮށްފައިދިޔަ ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 10:36 ހާއިރު ސިނަމާލެ ބުރިޖާ ދިމާލުން ލޯންޗެއްގައި އަލިފާން ރޯވެފައިވާކަމަށްބުނެ ފުލުހުންނަށް މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓާ ގުޅިގެން ފުލުހުން އެސަރަހައްދަށް ދިޔައިރު އަލިފާން ނިއްވާލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

"މި ލޯންޗުގައި ރޯވެފައިވަނީ ހަތަރު އިންޖީނުގެ ތެރެއިން އެއް އިންޖީނު ތާށިވެގެން." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ލޯންޗުގައި ތިބި ގެސްޓުން އެހެން ލޯންޗަކަށް ބަދަލުކޮށްފައިވާ ކަމަށާއި، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި ލޯންޗު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު މާލޭ 3 ނަންބަރު ފާލަކަށް ކައިރިކޮށްފައެވެ.
ލޯންޗެގައި އަލިފާން ރޯވި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލާ ތަޙްޤީޤު ކުރަމުންކަމަށް އެ ސަރވިސް އިން ވިދާޅުވިއެވެ.



