އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ފޮޓޯ: ފެށުން

އަލިފާން ރޯވީ ޖެހިގެން ހުރިގޭގައި ވެލްޑިންގ ކުރަނިކޮށް އައި އަލިފާން ކަންޏަކުން - ޕޮލިސް

މިއަދު ހެނދުނު ހ.ޓެންސްޓާރ ގޭގެ 6 ވަނަ ފަންގިފިލާ ގައި ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ޖެހިގެން ހުރި ގޭގައި ވެލްޑިންގ ކުރުމުގެ މަސައްކަތް ކުރަނިކޮށް ބުރައިގެން އައި އަލިފާން ކޮޅެއްގެ ސަބަބުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވެފައި ވަނީ މިހާތަނަށް ފުލުހުންގެ ތަޙްޤީޤަށް ފާހަގަ ކުރެވިފައިވާ ގޮތުގައި ހ. ޓެންސްޓާރ ގޭގެ 6 ވަނަ ފަނގިފިލާގައި ހިނގި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ޖެހިގެން ހުރި ގޭގައި ވެލްޑިންގ ކުރުމުގެ މަސައްކަތް ކުރަނިކޮށް އަލިފާން ކޮޅެއް ބުރައިގެން އައިސް ގޮދަޑިއެއްގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 11:11 ހާއިރު އެވެ. މި ހާދިސާގެ މަޢުލޫމާތު އެފަރާތަށް ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާ ފަށާއިކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ. އެގޮތުން އެގެއަށް ގޮސް ފަޔަރ ފައިޓުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައި ވަނީ މިއަދު ހެނދުނު 11:35 ހާއިރުއެވެ. މިހާދިސާގައި އަލިފާން ރޯވެފައި ވަނީ ހ.ޓެންސްޓަރ ގޭގެ 6 ވަނަ ފަންގިފިލާގެ ޓެރަސްގައި ހުރި ގެ ގަނޑެއްގައި ކަމަށް އެފަރާތުން ވަނީ މަޢުލޫމާތު ދީފައެވެ.

މިހާދިސާގައި އެތަނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު އެއްވެސް މީހަކަށް މިހާދިސާގެ ސަބަބުން އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ވަނީ މިހާދިސާގައި ގެއްލުން ލިބުނު ތަކެތީގެ މަޢުލޫމާތު ހާމަކޮށްފައެވެ. އެ ގޮތުންމިހާދިސާގައި ގެއްލުން ލިބިފައިވާ ތަކެތީގެ ތެރޭގައި 9000 ބީޓީޔޫގެ ހިޓާޗި އެއަރކޮންޑިޝަން، އެކްސަސައިޒްކުރާ ބައިސްކަލް، ކުޑަކުއްޖެއްގެ ބައިސްކަލް، 4 ފޫޓް 6 ފޫޓްގެ މަސްޓޭންކެއް، ފުލާސްޓިކް މޭޒެއް، ގޮދަޑިއެއް، ލަކުޑި ކަބަޑެއް، ފުޓްބޯޅަ ބޫޓެއް، އޮފީސް ބޫޓެއް، ޖޮގިންގ ބޫޓެއްގެ އިތުރުން ޓެރެސްއަށް ވަންނަ ދޮރު ހިމެނެއެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި ތަކެއްޗަށް ވަނީ މި ހާދިސާގައި އެކި ވަރުގެ ގެއްލުން ވެފައެވެ.

މި ހާދިސާއާ ގުޅިގެން އެ ގޭގައި ދިރިއުޅޭ 16 މީހަކު ވަގުތީ ހިޔާއަކަށް ބަދަލުކޮށްފައިވާ ކަމަށް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ