ކަނޑު އުޅަނދުތަކެއް މާލޭ ބަނދަރުގައި - ފެށުން ފޮޓޯ: ވިސާމް

ގޭސްފުޅި ގޮވުމުން އަނިޔާވި މީހުންގެ ހާލު އަންނަނީ ރަނގަޅުވަމުން

ސެޕްޓެންބަރު 11 ވަނަ ދުވަހު މާލޭ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ގޭސްފުޅިއެއް ގޮވައި ހިނގި ހާދިސާގައި، ޒަހަމްވި މީހުންގެ ހާލު ރަނގަޅު ވަމުން އަންނަ ކަމުގައި އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.

މި ހާދިސާގައި 6 މީހަކަށް އަނިޔާ ވެފައިވާއިރު އައިޖީއެމްއެޗުން ފަރުވާ ހޯދުމަށް ފަހު 3 މީހަކު މިހާރު ވަނީ ދޫކޮށްލައިފައެވެ. އަދި އައިޖީއެމްއެޗްގައި މިހާރު ފަރުވާ ދެމުންދަނީ 3 މީހުންނަށެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލްގެ މީޑިއާ އޮފިސަލް އިސްމާއިލް އަޙްމަދު މި ނޫހަށް މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާގައި އަނިޔާވެގެން އެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ތިން މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުން އަންނަނީ ހައިޑިޕެންޑަންސީ ޔުނިޓުގައިކަމަށެވެ. އަދި ބޮޑަށް ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެމުން އައި މީހާވެސް ހައިޑިޕެންޑެންސީ ވޯޑަށް މިއަދު ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ މި ހާދިސާގައި ފިހުނު ބަންގްލްދޭޝް މީހާއަށާއި ދިވެހި ދެ މީހުންނަށެވެ. މިހާދިސާގައި ބަންގްލަދޭޝް މީހާގެ ހަށިގަނޑުގެ 80 ޕަސެންޓަށްވުރެ ބޮޑުބައެއް ވަނީ ފިހިފައެވެ. އަދި ދިވެހި ދެ ފިރިހެނުންގެ 25-30 ޕަސެންޓް ވަނީ ފިހިފައެވެ.

"ބެސްޓް ލައިން” ބޯޓުގައި ހިނގި މި ނުރައްކާތެރި މި ހާދިސާ ހިނގަން މެދުވެރިވީ ފަލްކާތެރޭގައި ހުރި ގޭސް ފުޅިތަކުން ގޭސް ލީކުވުމުގެ ސަބަބުން ގޭސް ފުޅިއެއް ގޮވުމުންނެވެ. މި ހާދިސާގައި އެ ބޯޑްގައި ހުރި ގިނަ އަދަދެއްގެ ފުޅިތަކުން ވަނީ ގޭސް ލީކްވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ