ޓީޖެޓީ ބޮޑު އަލިފާން: އަލިފާންގަނޑު ކޮންޓްރޯލް ކޮށްފި، ނުވަ މީހަކަށް ފަރުވާދެނީ

އަލިފާން ރޯވި ސަރަހައްދަށް ރައީސް ވަޑައިގެންފި

17:45 އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި އެންމެހާ ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައި. އަދި މިފަދަ އަލިފާނުގެ ހާދިސާތައް ތަކުރާރު ވިޔަ ނުދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅުއްވާނެކަމަށް ވިދާޅުވި.

17:25 އަލިފާނުގެ ހާދިސާ ހިނގި ޓީޖެޓީ ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ވަޑައިގެންފި. ރައީސް އެސަރަހައްދަށް ވަޑައިގެންނެވިއިރު، އެ ސަރަހައްދުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ހުންނެވީ އެ ސަރަހައްދުގައި.

ރައީސް ޞޯލިޙް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގަތުން - ފޮޓޯ: ވަގުތު

17:22 ފުލުހުން ވިދާޅުވީ، އަލިފާނުގެ ހާދިސާއާއި ގުޅިގެން ބަޔަކަށް ނުވަތަ ވަކި ފަރާތަކަށް ތުހުމަތު ކުރެވޭ ކަމާމެދު އެއްޗެއް ވިދާޅުވާން އަދި އަވަސް ކަމަށާއި، މިހާތަނަށް މި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެއްވެސް މީހަކު ހައްުޔަރުކޮށްފައި ނުވާ ކަމަށެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކޮށްފި

17:09 ޓީޖެޓީ ސަރަހައްދުގައި ރޯވި އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވީ ދާދި ދެންމެ. އަލިފާންގަނޑު ކޮންޓްރޯލްވިިއިރު ފެރީ ލޯންޗެއްގެ އިތުރުން ތިން ތެޔޮ ބައުޒަރު ވަނީ އަނދާ ހުލިވެފައި.

އަލިފާންގަނޑު ނިއްވާލާފައި - ފޮޓޯ: ޕޮލިސް

17:08 މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ޕެޓްރޯލް އަޅަނިކޮށް، "ނެވި 3" ކިޔާ އއ.އަތޮޅަށް ދަތުރުކުރާ އުކުޅަހު ލޯންޗެއްގައި.

އަލިފާންގަނޑު ނިއްވާލާފައި - ފޮޓޯ: އެމްއެންޑީއެފް

9 މީހުންނަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެނީ

17:05 އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވީ، އަލިފާނުގެ ހާދިސާގެ އަސަރުކޮށްގެން 9 މީހުންނަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް. އެއްވެސް މީހެއްގެ ހާލު ސީރއަސް ނޫން ކަމަށާއި، 9 މީހުންގެ ތެރެއިން ފިހިގެން 7 މީހަކު ގެނެސް ފަރުވާދެމުންދާއިރު، އޭގެ ތެރެއިން ދެ މީހުންނަކީ ބިދޭސީން ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވި.

16:44 އަލިފާން ރޯވި ލޯންޗުގެ ބޮޑު ބައި ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ.

16:40 އަލިފާން ރޯވި ސައިޓްގައި ހުރި ޔެތޮ ބައުޒަރުތައް އެހެން ސަރަހައްދުތަކަށް ގެންދެވިފައި ވީނަމަވެސް، އެތަކެތި ބަލަހައްޓާނެ މީހަކު ނެތި، ޕާކްކޮށްފައި އެގެންދެވުނު ސަރަހައްދުގައި ނުބޭއްވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރައްވާ.

އަލިފާން ރޯވެ އަނދަނީ - ފޮޓޯ: އެމްއެންޑީއެފް

16:36 ލޯންޗަކާއި، ޔެތޮ ބައުޒަރުތަކުގައި ރޯވި އަލިފާންގަނޑުގެ 90 އިންސައްތަ ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ.

16:28 މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ލޯންޗަކާއި، ދެ ތެޔޮ ބައުޒަރުގައި. އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އަލިފާން ފެތުރުން ކޮންޓްރޯލް ކޮށްފައިވަނީ ސަލާމަތީ ބާރުތަކާއި، އާއްމުން ގުޅިގެން އުޅަނދުތައް ދުރަށް ޖައްސައިގެން.

ފިހުނު އެކަކު ގެންދަނީ - ފޮޓޯ: ފައިރޫޒް

16:21 އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް. އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ފަޔަރ ލޯންޗުވެސް ދަނީ ހަރަކާތްތެރިވަމުން.

16:16 އެންމެ ފުރަތަމަ އަލިފާން ރޯވިކަމަށް މަޢުލޫމާތު ލިބުނު ލޯންޗުގައި ރޯވި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޯށްފައި. ނަމަވެސް ބައުޒަރުތައް އަދިވެސް އަނދަނީ.

16:11 ފުލުހުން ވިދާޅުވީ، އަލިފާނުގެ ހާދިސާގައި އަނިޔާވެގެން ފަސް މީހުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އޭގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވޭ

16:05 ލޯންޗުގައި ރޯވި އަލިފާންގަނޑުގެ ސަބަބުން އެސަރަހައްދުގައި އޮތް ތެޔޮ ބައުޒަރުތަކުގައި އަލިފާން ރޯވެފައިވާއިރު، އަލިފާން ނިއްވުމަށް ފޯމު ޖެހުމުގެ މަސައަކަތް ސިފައިން ދަނީ ކުރަމުން.

16:02 އަލިފާން ރޯވި ލޯންޗު ވަނީ ދުރަށް ޖައްސާފައި.

އަލިފާން ރޯވެ އަނދަނީ - ފޮޓޯ: އެމްއެންޑީއެފް

16:00 އަލިފާން ގަނޑު ކޮންޓްރޯލް ނުވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެ.

އަލިފާން ރޯވެ އަނދަނީ - ފޮޓޯ: އެމްއެންޑީއެފް

15:57 ފުލުހުން ވިދާޅުވީ، ޓީޖެޓީ ސަރަހައްދުގައި އޮތް ލޯންޗެއް ގައި ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް.

އަލިފާން ރޯވެފައި - ފޮޓޯ: ފެށުން

މާލޭގައި ޔެތޮ ބައުޒަރެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެއްޖެއެވެ.

އަލިރާން ރޯވެ އަންދަމުންދަނީ އިންޑަސްޓްރިއަލް ޒޯންގައި ހުންނަ ޔެތޮ ޖެޓީ ކައިރީގައި އޮތް ތެޔޮ ބައުޒަރެއްގައެވެ.

Posted by Sufiyan Hakeem on Monday, 30 September 2019

އެމްއެންޑީއެފް އިން ވިދާޅުވީ، ތެޔޮ ބައުޒަރުގައި ރޯވި އަލިފާން ނިއްވުމަށް ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ޔެތޮ ބައުޒަރުގައި ރޯވެ އަނދަނީ - ފެށުން ފޮޓޯ: ޝިފާޒް

Posted by Ibrahim Zaeem Xam on Monday, 30 September 2019

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ