ދިވެހި ސަރުކާރުގެ ވަޒީރުން ބައިވެރިވި އިވެންޓެއް ކުރިއަށް ދަނިކޮށް ދަރުބާރުގޭގައި އަލިފާނުގެ ހާދިސާއެއް ހިންގައިފިއެވެ.
އަލިފާނުގެ ހާދިސާ ހިނގިއިރު، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރިވެރިންތަކެއް ދަރުބާރުގޭގައި ވަޑައިގެން ތިއްބެވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިކޮނޮމިކް މިނިސްޓްރީ އިން އިންތިޒާމް ކުރި "ބިޒްނަސް ކޮންވެންޝަން 2019" ރަސްމީކޮށް ފެށުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ.
ސްޓޭޖްމައްޗަށް އަލި ކުރަން ސީލިންގްގައި ހަރުކޮށްފައި ހުރި ލައިޓްތަކުގެ ތެރެއިން ލައިޓެއްގެ ކަރަންޓް ކޭބަލަކުން
ބޯކޮށް ދުން އަރައި އަލިފާން ހިފުމާއެކު އެ ތަނުގައި ތިބި އިދާރީ މުވައްޒަފުން އަލިފާން ނިވާ އާލާތްތައް ބޭނުން ކޮށްގެން އެ އަލިފާން ވަގުތުން ނިންވާލާފައިވާއިރު، މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މިމަހުގެ 26 އިން 27 އަށް ދަރުބާރުގޭގައި ބާއްވާ "ބިޒްނަސް ކޮންވެންޝަން" އަކީ ވިޔަފާރިވެރިންނަށް ހުރި ދަތިތައް ދެނެގަތުމަށްޓަކައި މުޅި ރާއްޖެ ޝާމިލްވާ ގޮތައް ބާއްވާ ޙާއްސަ ބައްދަލުވުމެކެވެ. މި އިވެންޓް ފަށަން ކުޑަތަންވެފައިވަނިކޮށް އަލިފާނުގެ ހާދިސާ ހިނގި ނަމަވެސް އިވެންޓް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ބައްދަލުވުމުގައި ވިޔަފާރި ޖަމިއްޔާތައް ބައިވެރިވާއިރު ރަށު ކައުންސިލްތަކަށްވެސް ރަށްރަށުގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހުށަހެޅުމުގެ ފުރުސަތު ދިނުމަށްވަނީ ހަމަޖެހިފައެވެ.