ހެންވޭރު ބޮޑު އަލިފާނުގައި އިމާރާތްތަކަށް ލިބުނު ގެއްލުމުގެ އަގު 35 މިލިއަން ރުފިޔާއަށް ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ކެމިކަލް ގުދަނެއްގައި ރޯވެ މިދިޔަ ސެޕްޓެމްބަރު މަހު 20 ވަނަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 14 ގެއަކާއި ހަ ގުދަނެއް ވަނީ ވަރަށް ބޮޑަށް އަނދާފައެވެ. އަދި މިހާދިސާގައި އެކަކު ނިޔާވިއިރު 600 އެއްހާ މީހުން ހާލުގައި ޖެހުންނެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުން އިޢާދަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވީ މި ޙާދިސާގައި ޙާލުގައިޖެހުނު 31 ޢާއިލާއެއްގެ 141 މީހަކަށް އެ އޮތޯރިޓީން މިޙާރުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށާއި، މީގެތެރެއިން 7 ޢާއިލާއެއްގެ 31 މީހުންނަކީ ގެއްލުން ލިބުނު ގެތަކުގެ ވެރިންކަމަށެވެ.
މިބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް ޢުމަރު ފިކުރީ ވިދާޅުވީ އެހީ ދިނުމުގައި ހުރިހާ އާއިލާއަކަށްވެސް އެއް އުސޫލަކުން އެހީތެރިކަން ދީފައިވާކަމަށާއި ކުއްޔަށް އުޅެމުންއައި އާއިލާތަކުގެ ކުއްޔަށް ޖުމުލަ 1.5 މިލިއަން ރުފިޔާ ހޭދަވާކަމަށެވެ.
އަދި އާންމުކޮށް ހުޅުވާލި އެހީތެރިވުމުގެ ފަންޑަށް 2.5 މިލިއަން ރުފިޔާ ލިބިފައިވާކަމަށާ، އެއާއެކު ޒަކާތު ފަންޑުންވެސް އެހީ ލިބޭނެކަމުގެ އިޝާރާތެއް ލިބިފައިވާކަމަށްވެސް އުމަރު ވިދާޅުވިއެވެ.
މީގެއިތުރުން އުމަރު ވިދާޅުވީ، މިހާދިސާގައި ގެއްލުން ލިބުނު 30 ގެއެއްގެ އެސެސްމަންޓް ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އާއި އެމްއެންޑީއެފްގެ އިންޖިނިއަރުން ހަދާފައިވާއިރު، އިމާރާތްތަކަށް ލިބުނު ގެއްލުމުގެ އަގު 35 މިލިއަން ރުފިޔާ އަށް ވުރެ އިތުރުވާނެ ކަމަށެވެ. އަދި އިމާރާތްތަކުގައި ހިފާގެންގުޅުނު ޒަރޫރީ ތަކެއްޗަށް ލިބުނު ގެއްލުން މިލިއަނަށް ވުރެ މަތިވާނެ ކަމަށާއި އެހެންކަމުން ގެއްލުމުގެ އަގު 36 މިލިއަނަށް އަރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
								
											

