ކޮވިޑް-19 އާއި ގުޅިގެން ކެންސަލްކޮށްފައިވާ އިންގްލިޝް ޕްރިމިއާ ލީގު އަލުން ފެށުމަށް ތައްޔާރީވަމުންތައްވަމުންދާއިރު، މުބާރާތް ކުޅެން ބޭނުންނަމަ ކުޅޭ ދަނޑުވެސް ޑިސްއިންފެކްޓް ކުރަން ޖެހޭނެކަމަށާއި އެކަން ކުރާނީ ކިހިނެތްތޯ ވެސްޓްހާމްގެ ވައިސް ޗެއަރމަން ކެރެން ބްރެޑީ ސުވާލު އުފައްދައިފިއެވެ.
ކެރެން ބުނިގޮތުގައި ޕްރިމިއާ ލީގުގައި ކުޅޭ ހުރިހާ ޓީމެއްގެވެސް އެންމެ ފުރަތަމަ ޕްރައިއޯރިޓީއަކީ ކުޅުންތެރިންގެ ސިއްޙީ ރައްކާތެރިކަންކަމަށެވެ. ކްލަބުތަކުގެ މެދުގައި ކޮންމެ ގޮތަކަށް ވާހަކަ ދެކެވުނުނަމަވެސް ކަން އޮތީ މިހެންކަމަށްވެސް އެކަމަނާ ބުންޏެވެ.
ލޮކްޑައުންއިން އިންގްލޭންޑް ނަގައި ޓްރެއިނިން ފެއްޓުމުގެ ހުއްދަ ސަރުކާރުން ދިންނަމަވެސް، ހުރިހާކަމެއް ރާވަން ޖެހެނީ މުޅިން އާ ޤަވާއިދުތަކަކަށް ކަމަށް ކެރެން ބުންޏެވެ.
އެގޮތުން އެއްކާރެއްގައި އެއްކުޅުންތެރިއަކަށްވުރެ އިތުރަށް ދަތުރުނުކުރެވޭނެކަމަށާއި، ފަރިތަކުރުންތަކުގައި ކުޅުންތެރިން ސޯޝަލް ޑިސްޓެންސް ބަހައްޓަން ޖެހޭއިރު، ޓެކްލް އެއްގޮތަކަށްވެސް ނުޖެހޭނެކަމަށްވެސް އެކަމަނާ ބުންޏެވެ.
"ކޯނަރު ދަނޑިތަކާއި، ގޯލް ދަނޑީތަކުގެ އިތުރުން މުޅި ދަނޑުވެސް ޑިސްއިންފެކްޓް ކުރަންޖެހޭނެ. އެހެންނަމަވެސް އެކަން ކޮށްގެންވެސް ވައިރަސް މަރުވާކަމުގެ ޔަޤީންކަމެއް އަދި ނެތް." ކެރެން ބުންޏެވެ.
މީގެއިތުރުން ކެރެން ދެކޭގޮތުގައި ސަޕޯޓަރުން ނުވައްދާ މެޗުތަކަށް ކުޅުމަކީ އެއްވެސް އިންސާފެއް ނޫނެވެ. އެކަމުގެ ސަބަބުން ހޯމް އެޑްވާންޓޭޖް ގެއްލޭކަމަށާއި ހޯމް ޓީމުގެ ސަޕޯޓަރުން ގެއްލުމަކީ މެޗުގައި އެކަމުގެ އަސަރު ވަރަށް ބޮޑަށް ޓީމަށްކުރާނެކަމަށްވެސް އެކަމަނާ ބުންޏެވެ.
ކޮވިޑް-19 އާއި ގުޅިގެން އިތުރަށް ކުރިއަށް ނުގެންދެވޭނެކަމަށް ނިންމައި ފްރާންސްގެ ލީގާއި ނެދަލެންޑްގެ ލީގު މިހާރުވަނީ ހުއްޓާލާފައެވެ. ލީގު އަލުން ފެއްޓުމަށް ޖަރުމަނާއި ޓާކީއިންވަނީ ނިންމާފައެވެ.
								
											


														
														
														
														
														
														