ކުމުންދޫ ޔޫތް ސްޕޯޓްސް (ކޭ.ވައި.އެސް)ގެ ފަރާތުން ކުރިއަށް ގެންދާ "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020" ގައި މިރޭ ކުޅުނު މެޗު، ސީއެސް ވިމެންސް އިން ކާމިޔާބުކޮށް ފައިންލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.
ގިނަ ގޯލުތަކެއް ފެނިގެންދިޔަ ފޯރިގަދަ މި މެޗުގައި ޓާފް ކުއީން އާއި ސީއެސް ވިމެންސް ބައްދަލުކުރިއިރު މި މެޗް ސީއެސް ވިމެންސް ކާމިޔާބުކޮށްފައިވަނީ 5-0 ގެ ނަތީޖާ އަކުންނެވެ.
މިމެޗުގެ ކްއީން އޮފް ދަ މެޗް ލިބިފައިވަނީ ސީއެސް ވިމަންސް ގެ ސަހުލާ އާދަމަށެވެ. ސަހުލާ އާދަމް ވަނީ މި މެޗްގައި އެ ޓީމަށް ތިން ގޯލު ކާމިޔާބު ކޮށްފައެވެ. އަދި އެ ޓީމުގެ އަނެއް 2 ގޯލު ކާމިޔާބު ކޮށްދީފައިވަނީ ރާއިދާ މޫސާ އަދި ސާއިދާ މޫސާއެވެ.

ސީއެސް ވިމެންސް އިން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައިވަނީ، މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްގެންނެވެ. މި މުބާރާތުގައި ފައިނަލަށް ދާ ދެވަނަ ޓީމު ކަށަވަރުވާނީ މާދަމާ ޓާފް ކުއީން އަދި ސަންދިޔާ ވާދަކުރާ މެޗުންނެވެ.
9 ޕޮއިންޓާއެކު ސީއެސް ވިމެންސް އެއްވަނައިގައި ވާއިރު، ދެވަނައިގައި އުޅެނީ 6 ޕޮއިންޓާއެކު ޓާފް ކުއީންއެވެ. އަދި ތިންވަނައިގައި ސަންދިޔާ އުޅޭއިރު އެ ޓީމަށް ލިބިފައިވަނީ 6 ޕޮއިންޓެވެ.
ސީއެސް ވިމެންސް އިން ކުޅުނު ފުރަތަމަ މެޗު އެފްސީ ރެހެންދިއާއި ވާދަކޮށް 4-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު ދެވަނަ މެޗު، ސަންދިޔާ އާއި ވާދަކޮށް ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގައި ޓާފް ކުއީން ކުޅުނު ފުރަތަމަ މެޗުން، އެ ޓީމު ވަނީ މޮޅުވެފައެވެ. ޒީރު ސްޓާސް އާއި ދެކޮޅަށް ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާ އަކުންނެވެ. އަދި އެޓީމުން ކުޅުނު ދެވަނަ މެޗު، އެފްސީ ރެހެންދި އާއި ވާދަކޮށް މޮޅުވެފައިވަނީ، 10-0 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގެ މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ، ޒީރު ސްޓާސް އާއި ސީއެސް ވިމަންސްއެވެ. އަދި ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސަންދިޔާ އާއި ޓާފް ކުއީންއެވެ.