އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (އަރަބިއްޔާ ސްކޫލް) ގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސުކޫލަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމުމުން، އެކަމާ ދެކޮޅަށް ބެލެނިވެރިން ނިކުމެ އިއްޔެ މުޒާހަރާކޮށްފި އެވެ.
އެޑިއުކޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދަން ޖެހޭތީ އެ ކުދީންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުންދީން ސުކޫލުގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސުކޫލުތަކުގެ ތެރެއިން އެއް ސުކޫލު އަރަބިއްޔާއަށް ހާއްސަ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި ސްކްރަކްޗަރަލް އެސެސްމަންޓް ނިމުމުން އެ އެސެސްމަންޓްގެ ރިކޮމެންޑޭޝަނާއި އެއްގޮތަށް އެ އިމާރާތަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަންވެސް ވަނީ ނިންމާފައެވެ. އެޑިއުކޭޝަންގެ ބަޔާނުގައި ބުނީ އަރަބިއްޔާގެ އިމާރާތް ހުންނާނީ އަބަދުވެސް އަރަބިއްޔާއަށް ހާއްސަކޮށްފައި ކަމަށެވެ.
އެޑިއުކޭޝަންގެ މި ނިންމުމާއި ގުޅިގެން، ބެލެނިވެރިން ދެކޮޅު ހަދައިފައިވަނީ އިއްޒުއްދީން ސްކޫލަށް އަރައްބިއްޔާ ދަރިވަރުން ބަދަލުކޮށްފި ނަމަ ދަރިވަރުންގެ އިސްލާމީ ތައުލީމު ހަލާކުވާނެތީ ކަމަށް އިއްުޔެ އަރައްބިއްޔާ ސްކޫލް ކުރިމަތީ މުޒާހަރާ ކުރި ބެލެނިވެރިން ބުނެފައިވެ އެވެ.
މި މައްސަލައިގައި އަރަބިއްޔާ ޕީޓީއޭއިންވެސް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންނާއި މެނޭޖްމަންޓްގެ ފުރިހަމަ އިއްތިފާގުން އެއްބަސްވެ އިއްޒުއްދީން ސުކޫލަށް އަރަބިއްޔާގެ ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށށާ އެކަން އެހެން ކޮށްފިނަމަ ދަރިވަރުންގެ ކިޔެވުމަށާއި ސުކޫލަށާއި އެންމެހާ ކަންކަމަށް ބޮޑެތި ނުރައްކަލާ ފޫ ނުބެއްދޭވަރުގެ ގިނަގިނަ ގެއްލުންތައް ވާނެކަން ބެލެނިވެރިންނަށް ޔަގީން ކުރެވޭ ކަމަށެވެ.
ވީމާ އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ގޮތަށް އިއްޒުއްދީން ސުކޫލުގެ އިމާރާތަށް އަރަބިއްޔާގެ އެއްވެސް ދަރިވަރަކު ކިޔަވަން ގެންދެވެން ނެތް ކަމަށާ މި މައްސަލައަށް ހަމައެކަނި އޮތް ހައްލަކީ އަރަބިއްޔާގެ ދަރިވަރުންނާ އެކު އެހެން އެއްވެސް ސުކޫލެއްގެ ދަރިވަރުން މައްސުނި ނުވާހެން މާލޭގައި ހުރި އެތައް ބައިވަރު ބިންތަކާއި އިމާރާތްތަކުން ކޮންމެވެސް އެއް ތަނެއްގައި އަރަބިއްޔާ ސުކޫލު ވަގުތީ ގޮތުން ނަމަވެސް ހިންގޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އަރަބިއްޔާ ސްކޫލަކީ އަރަބި ބަހުން ކިޔަވައިދޭ މާލޭގައި ހުރި ހަމައެކަނި އަދި، އެންމެ ބޮޑު މުއައްސަސާއެވެ.



