ސަރުކާރުގެ އިކޮނަމިކް ރިލީފް ޕެކޭޖްގެ ތެރެއިން މިހާތަނަށް ބީއެމްއެލް އިން 83 ފަރާތަކަށް 109.6 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވެއްޖެ އެވެ.
ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީީ ރިލީފް ޕެކޭޖްގެ ތެރެއިން މިހާތަނަށް ބީއެމްއެލް އިން ވަނީ ލޯނު ދޫކުރުމަށް 111 ފަރާތް އެޕްރޫވްވެފައި ކަމަށެވެ. އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ލޯނުން 380 ފަރާތެއް އެޕްރޫވްވެފައި ވާކަމަށްވެސް އަމީރު ވިދާޅުވިއެވެ.
އެސްޑީއެފްސީގެ 72 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ނިންމާފައިވާއިރު މިހާތަނަށް މިލޯނު ވަނީ 76 ފަރާތަކަށް ދެވިފައެވެ. އެއީ ޖުމްލަ 6.2 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައިވާ އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް ޢަމާޒުކޮށްގެން ސަރުކާރުން ޤާއިމުކޮށްފައިވާ ރިކަވަރީ ސްކީމް ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފައިނޭންސްކޮށް ދިނުމަށް ހަމަޖެހިފައިވަނީ ރިސޯޓުތަކަށް އަހަރެއްގެ މައްޗަށް ޓަރން އޯވަރގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތީ ޢަދަދެއް ހޯދައިފައިވާ ވިޔަފާރި ތަކަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް ލިބެމުންދިޔަ އާމްދަނީ ބޮޑުތަނުން ދަށަށްގޮއްސައި ވާއިރު ސަރުކާރުން ގެންދަނީ ގިނަ ޚަރަދުތަކެއް ކުރަމުންނެވެ.
								
											

														
														
														
														
														
														
														